ދުނިޔެ

ޔޫރަޕްގެ ވެރިންނަށް ޝީ ޖިންޕިންގެ ދައުވަތެއް

ރައީސް ޝީ ޖިންޕިންއާ އެކު ބައްދަލުވުމަކަށް ޔޫރަޕް ގައުމުތަކުގެ ލީޑަރުންނަށް ޗައިނާއިން ދައުވަތު ފޮނުވައިފި އެވެ.

މިކަން ވަރަށް ރަނގަޅަށް އެނގި ހުރި މީހަކާ ހަވާލާދީ މި ޚަބަރު ގެނެސްދީފައިވަނީ ސައުތު ޗައިނާ މޯނިން ޕޯސްޓުންނެވެ.

ޗައިނާއިން ދައުވަތު ފޮނުވި ލީޑަރުންގެ ތެރޭގައި ފްރާންސްގެ ރައީސް އިމަނުއެލް މެރޮން، ޖަރުމަނު ޗާންސެލަރު އޯލަފް ޝޯލްޒް، އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ އަދި ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހިމެނެ އެވެ.

މި ބައްދަލުވުން އޮންނާނެ ކަމަށް ވަނީ އަންނަ ނޮވެމްބަރު މަހު ޗައިނާގެ ވެރިރަށް ބެއިޖިންގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވުމާ ބެހޭ ގޮތުން ދައުވަތު ރައްދުވާ އެއްވެސް ލީޑަރަކު އަދި ބަހެއް ވިދާޅެއް ނުވެ އެވެ.

ޝީ ޖިންޕިންއާ އެކު ބައްދަލުވުމަށް ޔޫރަޕްގެ ލީޑަރުންނަށް ދައުވަތު ފޮނުވާފައިވާއިރު ޗައިނާގެ ބާރާއި ނުފޫޒު ދުނިޔޭގައި ގަދަވަމުން އަންނަ ކަމަށް ސިޔާސީ ލީޑަރުން ވަނީ ފާހަގަކޮށްފަ އެވެ.

އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ މިދާކަށް ދުވަހު ވިދާޅުވި ގޮތުގައި ޗައިނާއަށް ދަތިކުރަން އެމެރިކާއިން އަޅާފައި ހުރި ފިޔަވަޅުތަކާ އެކު ވެސް ޗައިނާގެ ދުވެލި މަތަކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ދުނިޔޭގެ ކުރިމަތިގައި ފެންނަނީ ބޮޑު ފޭލިވުމަކުން ހުޅަނގު ފޭލިވާތަން ކަމަށް ވެސް ޓޯނީ ބްލެއާ ވިދާޅުވި އެވެ.

ދުނިޔޭގެ އިގުތިސޯދު ހުރިހާ މާނައެއްގައި ވެސް މިހާރު ބުރަވަނީ ޗައިނާ ކޮޅަށް ކަމަށާއި ދުނިޔެއަށް ގޮތްފޮތް ކިޔޭ ފެންވަރަށް ޗައިނާ ކުރިއަރައިފި ކަމަށްވެސް ވިދާޅުވި އެވެ.

ޗައިނާއިން ހޯދަމުން އަންނަ ކުރިއެރުން ތަކަށް ހަސަދަވެރިވުމަށް ވުރެ ހަގީގަތް ގަބޫލުކުރުން އައުލާކަން ބޮޑުކަމަށް ބްލެއާ ވިދާޅުވި އެވެ. ޒާތީ ހަސަދަ އާއި ތަަައައްސުބުން ދުރުހެލިވެ އެކުއެކީގައި ދުނިޔެ އާރާސްތުކުރަން ކަމަރު ބަންނަން ވެއްޖެ ކަމަށްވެސް ވިދާޅުވި އެވެ.

ޝީ ޖިންޕިންއާ އެކު އޮންނަ ބައްދަލުވުމަކީ ކޮން ބޭނުމަކު ބާއްވާ ބައްދަލުވުމެއް ކަމެއް އަދި ނޭގެ އެވެ. ޗައިނާގޮ ފޮރިން މިނިސްޓްރީ ފެންވަރުގައި މި ޚަބަރަށް އަދި ކަށަވަރުކަމެއް ނުލިބެ އެވެ.

އެހެން ނަމަވެސް، ސައުތު ޗައިނާ މޯނިންގް ޕޯސްޓަކީ ޗައިނާ ސަރުކާރުގެ ދޫ ކަމަށް އަބަދުވެސް ބުނެވެ އެވެ. އެހެންކަމުން ސަރުކާރުން އާންމުކޮށް ބުނަންޖެހޭ އެއްޗެއް ސައުތު ޗައިނާ މޯނިން ޕޯސްޓް މެދުވެރިކޮށް އިއްވުމަކީ ވަރަށް އާންމު ކަމެކެވެ.