ރަޝިއާ - ޔުކްރޭން ހަނގުރާމަ ހުއްޓުވަން ޗައިނާއަށް އޮތް ދައުރު ފުޅާ ކުރެވިދާނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ދެކެ އެވެ. ޔުކްރޭނަށް އަރައިގަނެ ރަޝިއާ ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރުމުގައި ޔޫރަޕް އެދޭހާ ގޮތެއް ޗައިނާ ނުހެދުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލުންނާ ބައްދަލު ކުރައްވައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ޔުކްރޭނަށް އޮތީ ސިޔާސީ ހައްލެކެވެ.
ޝީ ވިދާޅުވި ގޮތުގައި ވެރިންގެ މެދުގައި މަޝްވާ ކުރުން ނޫން ގޮތެއް މިވަގުތަކު ނެތެވެ. ހަނގުރާމަ ހުއްޓުވަންށް އޮތް އެންމެ ކުރު އަދި ފަސޭހަ މަގަކީ ވެސް މަޝްވަރާ އެވެ.
ސިޔާސީ ގޮތުން މައްސަލަ ހައްލު ކުރަން ޔޫރަޕިއަން ޔޫނިއަނުން ކުރާ މަސައްކަތް ތަކަށް ޗައިނާ ހިތްވަރުދޭ ކަމަށް ވެސް ޝީ ވިދާޅުވި އެވެ. ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮން ޑާ ލޭޔަންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަމުން ޝީ ވިދާޅުވި ގޮތުގައި، ޗައިނާ އޮތީ މަޝްވަރާ ތަކުގައި ޔޫރަޕަށް މަގުފަހިކޮށްދޭ ގޮތަށެވެ.
ވޮން ޑާ ލޭޔަން ވިދާޅުވި ގޮތުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރެއް ގޮތުގައި ޗައިނާއަށް ވެސް މުހިންމު ދައުރެއް އޮވެ އެވެ. ޒިންމާ އަދާކުރުވުމުގައި ޗައިނާ ތަންކޮޅެއް ބޮޑަށް ހޭވެރިވާން ޖެހެ އެވެ.
ވޮން ޑާ ލޭޔަން ވިދާޅުވީ ޗައިނާއަކީ ރަޝިއާއާ ވާހަކަދެއްކޭ ގައުމެއް ކަމަށާއި ޗައިނާ އަކީ ދުނިޔޭގައި ނުފޫޒު ގަދަ ގައުމެއް ކަމަށެވެ. ޗައިނާއިން ރަޝިއާއާ މަޝްވަރާ ކޮށްގެން ނަމަވެސް ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވާލުމުގައި ޗައިނާއަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.
ޔޫރަޕުން ރަޝިއާއަށް އަޅާފައި ހުރި ދަތިކުރުން ތަކަށް ޗައިނާ ތާއީދު ނުކުރާ ނަމަ އެގޮތުގައި މައްސަލައެއް ނެތް ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް، ރަޝިއާއަށް އެހީތެރިވެ ދިނުން ބަލައި ނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝީ ވިދާޅުވި ގޮތުގައި ޔޫރަޕިއަން ޔޫނިއަން އަކީ އިއްތިހާދެއް ނަމަވެސް، ޗައިނާއާ މުލާމަލާތް ކުރުމުގައި އެއީ ވަކި ވަކި ގައުމުތަކެއް ކަމަށް ވިސްނައިގެން އުޅުން ބުއްދިވެރި ކަމަށެވެ.
ޗައިނާއިން ބުނަނީ ޗައިނާއަށް ކަމެއްގައި ޔޫރަޕުން ދަތިކޮށްފި ނަމަ ޗައިނާގެ އަމާޒަކަށް ވަނީ ވަކި ވަކި ގައުމުތަކަށް ވަކި ވަކިން ޖަވާބު ދިނުން ކަމަށެވެ.