މޯލްޑިވްސް މީޑިއާ ކައުންސިލް

ސަންގު ޓީވީގެ ތަކެތި ހޯދައިދޭން މަސައްކަތް އެބަކުރަން: އެމްއެމްސީ

ސަންގު ޓީވީ ޓްރާންސް މިޝަން އަލުން ފަށަން ފުލުހުންނާ މަޝްވަރާކުރަމުންދާ ކަމަށް މޯލްޑިވެސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

އެމްއެމްސީ އިން މިހެން ބުނީ ރައީސް އަބްދުﷲ ޔާމީންއަށް މަރުގެ އިންޒާރުދީ އާންމު ކުރި ވީޑީއޯއެއް ޔޫޓިއުބަށް އަޕްލޯޑް ކުރި މައްސަލައިގައި ހެކި ހޯދަން ރޭ ދަންވަރު ފުލުހުން ސަންގު ޓީވީގެ ސްޓޭޝަނަށް ވަދެ އެތަނުގެ ކޮމްޕިއުޓަރު ސިސްޓަމްތަކުގެ ހާޑް ޑިސްކްތަކެއް ތަހުގީގަށް ގެންގޮސްފައިވާތީވެ އެވެ.

ފުލުހުން އެ ތަކެތި ގެންދިއުމުގެ ސަބަބުން އެޓީވީ އަށް ވަނީ އަލުން ޓްރާންސްމިޝަން ފަށަން ދަތިވެފަ އެވެ.

ސަންގު ޓީވީ ހިދުމަތް މެދުކެންޑުމާއި ގުޅިގެން އެމްމްސީ އިން ނެރުނު ނޫސް ބަޔާނުގައި ބުނީ ރޭ ދަންވަރު ފުލުހުން ސަންގު ޓީވީއަށް ވަދެ ސިސްޓަމްތަކުގެ ހާޑް ޑިސްކާއި ބައެއް ސާމާނު ގެންދިއުމުގެ ސަބަބުން އެ ޗެނަލަށް ޓްރާންސްމިޝަން މެދުކެންޑިފައިވާތީ އެމައްސަލާގައި ސަންގު ޓީވީ އާއި އަދި ފުލުހުންނާ ވާހަކަދައްކައި ޓްރާންސް މިޝަން އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިމައްސަލާގައި ފުލުހުން އެންމެ ފަހުން ބުނެފައި ވަނީ ތަހުގީގަށް ގެންދިޔަ ސާމާނު މިރޭގެ ވަގުތެއްގައި ރައްދުކުރަން މަސައްކަތް ކުރާ ކަމަށެވެ.

މީޑިއާއިން ކަމާބެހޭ ފަރާތްތަކުގެ އެންގެވުންތަކަށް ފަރުވާތެރިވުމަށާއި ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގައި ދެމިތިބުމަށް އެމްއެމްސީއިން ވަނީ އިލްތިމާސް ވެފައެވެ. އަދި އެގޮތަށް އަމަލުކުރަމުންދާއިރު މީޑިއާގެ އެއްވެސް ވަސީލަތަކަށް ނުވަތަ މުވައްޒިފަކަށް މައްސޫލިއްޔަތަކަށް ވިޔަސް އެއްވެސް ކަހަލަ ހުރަހެއް ނޭޅުމަށް އެ ކައުންސިލުން ވަނީ ގޮވާލައިފައެވެ.