އަބްދުﷲ ޝާހިދު

ކުވޭތުގެ ބޮޑުވަޒީރާއި ޝާހިދު ބައްދަލުކުރައްވައިފި

Apr 20, 2021

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުވޭތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދު އަލް ސަބާހާއި ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ކުވޭތުގެ އަމީރު ޝައިހް ނަވާފް އަލް އަހްމަދު އަލް ޖަބަރު އަލް ސަބާހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވެވި ސިޓީފުޅެއް ކުވޭތުގެ ބޮޑުވަޒީރާ ހަވާލުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަހުވަންތަ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރު ފާހަގަކުރައްވާފަ އެވެ. ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުވޭތު ސަރުކާރުން އަބަދުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

ޝާހިދު ކުވޭތައް ކުރައްވާ މިދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ނަސެރް އަލް މުހައްމަދު އަލް ސަބާހާއި އެގައުމުގެ ބައެއް އެހެން އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި ތަރައްގީގެ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުންވެސް ޝާހިދުގެ ދަތުރުފުޅުގައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޝާހިދު ކުވޭތަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ އެމަނިކުފާނު ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.