ހަބަރު

އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް

Sep 29, 2020

ކުވޭތުގެ އަމީރު ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު އަވަހާރަވުމުގެ ހިތާމާގައި ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ މި ނިންމުން ހާމަ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން މާދަމާއިން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ކުވޭތުގެ އަމީރު ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. މިދިޔަ ޖުލައި މަހު ޝެއިހް ސަބާހު ވަނީ އޮޕްރޭޝަނެއް ކުރެއްވުމަށް އެމެރިކާއަށް ވެސް ވަޑައިގެންފަ އެވެ. ނަމަވެސް އެއީ ކޮންކަހަލަ އާލާސްކަންފުޅެއްގައި ކުރެއްވި އޮޕަރޭޝަނެއް ކަމެއް ކުވޭތުގެ ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

ޝެއިހު ސަބާހުއަށް ކުވެއިތުގެ އަމީރުކަން ލިބިވަޑައިގަތީ 2006 ވަނަ އަހަރު ގައެވެ. އެއީ އޭރު ހުންނެވި އަމީރު ސާދު އަލް އަބުދުﷲ އެންމެ ނުވަ ދުވަސް ތެރޭގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ވެރިކަމުން ދުރުކުރުމަށް ޕާލަމެންޓުން ނިންމުމާ ގުޅިގެނެވެ. ޝެއިހް ސަބާހު ވަނީ ކުރީގެ އަމީރު ޖާބިރު އަލް އަހުމަދު އަލްޖާބިރު އައްސަބާހުގެ ވެރިަކަމުގައި ދެފަހަރެއްގެ މަތިން ހާރިޖީ ވަޒީރުކަން ކުރައްވާފަ އެވެ. މިގޮތުން ފުރަތަމަ ފަހަރު 1963 އިން 1991 އަށް އަދި ދެވަނަ ފަހަރު 1992 އިން 2003 އަށް ހާރިޖީ ވަޒީރުކަން ކުރައްވާފަ އެވެ.

އެމަނިކުފާނަށް ފަހު ދެން ކުވޭތުގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަ ވާނީ އުމުރުފުޅުން 83 އަހަރުވީ ވަލީއަހުދު ޝެއިހް ނަވާފް އަލް އަހުމަދެވެ.