އަރަބި ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނަން-ރެޒިޑެންޓް ސަފީރުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލު ކުރައްވައިފި އެވެ.
ވާޗްއަލްކޮށް މިނިސްޓަރު މިއަދު ބައްދަލު ކުރައްވާފައި ވަނީ އުރުދުން އާއި ކުވައިތު އާއި ފަލަސްތީން އަދި ޔަމަނުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި އޮމާންއަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާއެވެ.
މި ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތާއި ބެހޭ މައުލޫމާތު، ވަޒީރު ވަނީ ސަފީރުންނާއި ހިއްސާކުރައްވައި، އެ ގައުމުތަކުގެ ހާލަތާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމާއި ބައިނަލްއަގްވާމީ މުޖްތަމައުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލްވުމުގައި ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން ރާއްޖެއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމަކީ މިނިސްޓަރު ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މިފަދަ ދެ ވަނަ ބައްދަލުވުމެކެވެ. ނިމިދިޔަ ހަފްތާގައި މިނިސްޓަރު ވަނީ އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކުވެސް މިފަދަ ބައްދަލުވުމެއް ބާއްވަވާފައެވެ.