ރޯދަ މަހާ ރޯއްޖާ

ގުޑި އެއްލާން ލިބޭތީ ކުދީން އުފާވެފައި!

މަޑި އާއި ގުޑި އެރުވުމަކީ ރޯދަ ކުރު ކުރުމުގެ ގޮތުން ދިވެހިން އެތަކެއް ޒަމާންވަން ދެން ކުރަމުން އައި ކަމެވެ. އަދި މަޑި އެރުވުމަކީ ދިވެހިންގެ ތެރޭގައި އަބަދު ވެސް އޮންނަ އާދަ އެކެވެ. މަޑި އެރުވުމުގެ މަޖަލުގެ ތެރެއިން އެންމެ ހިތްގައިމު މަންޒަރަކަށް ފެންނަނީ ކުޑަކުދިން އެކަމާ ވެގެން އުޅޭ މަންޒަރާއި ބޮޑެތި މީހުން ބައިވެރި ވެގެން އުޅޭ ތަނެވެ. ހުރިހާ ކުޑަކުދިންނާއެކު އެކުދިންގެ މައިންބަފައިން ވެސް ހަވީރު ފިނީގެ ތެރޭ ފޯރީގައި ހަރަކާތްތެރިވެ އެވެ. އެއީ ރޯދަ މަހުން ދުވަހެއްގެ އުފަވެރި ވަގުތުކޮޅަކަށް ވެއެވެ.

މަޑި އަރުވަން މާލޭގައި މިހާރު މީހުން ޖަމާވަނީ އުސްފަސްގަނޑަށެވެ. ހެންވޭރު އުސްފަސްގަނޑުގެ އުޑުމަތިން އެކި ކުލަކުލައިގެ، އެކި ވައްތަރުގެ މަޑި އުދުހޭތައް ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ވެސް އަސުރުން ތިރިވުމުން ފެނެ އެވެ. ގިނައިން ފެންނަނީ ޖަނަވާރާއި ދޫނި ސޫފާސޫފީގެ ސިފަ ބައްޓަމަށް ހުންނަ މަޑި އެވެ. މިހާރުގެ ކުޑަކުދިން އެންމެ ގަޔާވަނީ ވެސް އެކަހަލަ މަޑި އަށެވެ.

ރޯދަ ކުރުކޮށްލަން މަޑި އެރުވުމަކީ ވަރަށް ގިނަ މީހުނާއި އާއިލާތަކަށް އޮންނަ ހިތްހަމަޖެހުމެކެވެ. އަދި އެއީ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ކަމަކަށް ވެފައި އޮވެއެވެ.

ހަވީރު ގަޑީގައި ދަރިފުޅު ގޮވައިގެން ގޮސް އުސްފަސްގަނޑުގައި ހުރި މީހަކު ބުނީ ކުދިން ގޮވައިގެން ބޭރަށް ނުކުމެލާ މަޖާ ކޮށްލަން ލިބެނީ މަދު ވަގުތުކޮޅެކެވެ. އަދި އޭގެ މައިގަނޑު ސަބަބަކަށް ވަނީ އޮފީސް ބިޒީވެ، މަސައްކަތް ގިނަވުމެވެ.

"ރޯދަމަހު ކޮންމެހެން ވެސް ބަރާބަރު ގަޑިއަށް އޮފީހުން ނުކުންނަން. ދަރިފުޅާ އެކީ ހޭދަކޮށްލަން މިލިބޭ ވަގުތުކޮޅަކީ އަގުހުރި ވަގުތުކޮޅެއް. ދަރިފުޅު އެންމެ ޝައުގުވެރިވަނީ މިތަނަށް [އުސްފަސްގަނޑަށް] އައިސް މަޑި އަރުވަން،" ސަރުކާރު ވިޔަފާރި ކުންފުންޏެއްގައި ވަޒީފާ އަދާކުރާ އެ މީހާ ބުންޏެވެ.

ސިވިލް ސާވިސްގެ ވަޒީފާއެއް އަދާ ކުރާ ހުސައިން ރަޝީދު ބުނި ގޮތުގައި ރޯދަ މަހު މަޑިއެރުވުން ފިޔަވާ އެހެން ކަމަކަށް އޭނާގެ ދަރިފުޅުގެ ޝައުގުވެރި ކަމެއް ނޯވެ އެވެ. އެހެންވެ މަޑިއަރުވަން ދާންޖެހެ އެވެ. އަދި ހަފުތާގެ ގިނަ ދުވަސްތަކަކު ދަރިފުޅާއެކު އޭނާވެސް މަޑި އެރުވުމުގައި އުޅެ އެވެ.

"މީގެ ސަބަބުން ދަރިފުޅަށް ހަގީގަތުގައި ކަންކަމަށް ސަމާލުވާން އެބަދަސްވޭ، މިސާލަކަށް މަޑިމައްޗަށް މިއަރަނީ ވަކި ވަރަކަށް ވައި ޖެހުނީމަކަން އެބަ އެނގޭ... އޭގެ ތެރެއިން ގޮސް އެހެންވީމާ ސުކޫލުގައި މޮޅު ވާނީ ވެސް ފޮތް ކިޔައި ފިލާވަޅު ދަސްކުރީމާ ކަން ދަރިފުޅަށް އެބަ ގަބޫލު ކުރެވޭ،" އޭނާ ބުންޏެވެ.

ގިނަ ބަޔަކު އެއްވާ އުސްފަސްގަނޑަށް މަޑި އެއްލަން ދިއުމަކީ އެއް އުމުރުފުރައެއްގެ އެހެން ކުދިންނާއެކު ވަގުތު ހޭދަކޮށްލައި ސަކަރާތްޖަހާލަން ވެސް ލިބޭ ފުރުސަތެކެވެ. އެފަދަ މާހައުލެއްގައި އެ އުމުރުގެ އެހެން ކުދިންނާއި ވާދައަށް ވެސް ބައެއް ފަހަރު މަޑި އަރުވާ ހަދަ އެވެ. އޭގެ ސަބަބުން އެހެން ކުދިންނާއި ގުޅުންބަދަހި ކުރުމާއި މީހުންގެ ތެރޭގައި އުޅެން ދަސްވުން ފަދަ ރަނގަޅު އާދަތައް ދަސްވެ ހަރުލަ އެވެ.

މަޑި އަރުވަނީ ރޯދަ ކުރުކޮށްލައި ފޫހިފިލުވާލައި ހިތްހަމަޖައްސާލާށެވެ. ނަމަވެސް އެ ހަރަކާތުގައި ހޭދަވާ ވަގުތުގެ ތެރެއިން ރަނގަޅު އެތައް ކަމެއް ކުރެވެ އެވެ. އަދި އުފާވެރި ތަފާތު އިހްސާސްތައް ކުރެވެ އެވެ. އެކުވެރިކަމާއި ލޯތްބާއި ހިތްހަމަޖެހުން ވެސް ފެނިގެންދެ އެވެ. އެހެން ކަމުން ރޯދަ މަހުން އަންނަ މަޑި އެއްލާ މޫސުމުގައި ފައިދާއެއް ވެއެވެ. އެކަން ފުޅާވެސް ކުރެވެން އޮތް ކަމެކެވެ.