ފެން ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ހަތަރު ދަރިވަރަކަށް ތެރަޕިސްޓް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމުގެ ހިލޭ ފުރުސަތު ދީފި އެވެ.
މާލެ، ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދޭ މި ތައުލީމް ފުރުސަތުގެ ދަށުން ތެރަޕިސްޓުގެ ދާއިރާ އިން ބެޗްލާސް ޑިގްރީއަށް ކިޔަވަން ހަތަރު ކުއްޖަކަށް ފުރުސަތު ދޭނެ ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ ސަރުކާރުން އިސް ނަގައިގެން ފެށި ތެރަޕިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްގެ ދަށުންނެވެ.
މި ފުރުސަތު ދިންކަން އެމްޑަބްލިއުއެސްސީން އިއުލާނު ކުރީ މި ފުރުސަތު އިއުލާނު ކުރަން، ސަރުކާރުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ތެރަޕިސްޓުންގެ ހިދުމަތަކީ އާއްމު ރައްޔިތުން ނުހަނު ބޭނުންވެފައިވާ ހިދުމަތެއް ކަމަށެވެ. ނަމަވެސް މި ދާއިރާއިން ހާއްސަ ވެގެން ތަމްރީންވެފައި ތިބި މީހުން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށް ދޭން ދަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީ އިން ސްޕޮންސާ ކުރާ ހަތަރު ދަރިވަރުންނަށް ފަހިކޮށްދޭ ކޯސްތަކަކީ އޯޑިއޮލޮޖީ އާއި އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖު މެތޮޑޮލޮޖީ އަދި އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަލް ތެރަޕީ އެވެ. ހަތަރު އަހަރު ދުވަހުގެ މި ކޯހަށް ފެން ކުންފުނިން 2.3 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.
މުޖުތަމައަށް ބޭނުންވެފައިވާ މިފަދަ ކަންކަމުގައި އެމްޑަބްލިއުއެސްސީ އިން ދަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެހީވަމުންނެވެ.