އެމްޑަބްލިއުއެސްސީ

ފެން ކުންފުނީގެ ތާރީހު ފޮތް ހަދިޔާކޮށްފި

Apr 26, 2021
1

މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ތާރީހުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިއުކޮށްފައިވާ ފޮތެއް ނައިބް ރައީސް ފައިސަލް ނަސީމަށް ހަދިޔާކުރައްވައިފި އެވެ.

ފެން ކުންފުނިން ތައްޔާރުކޮށްފައިވާ "ރިހި 25" ނައިބް ރައީސްއާ ހަވާލުކުރެއްވީ ރައީސް އޮފީހުގައި އިއްޔެ މިކަމަށްޓަކައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

މި ފޮތަކީ އެމްޑަބްލިއުއެސްސީގެ ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް ޝާއިއުކޮށްފައިވާ ފޮތެކެވެ.

މި ފޮތުގައި ފެން ކުންފުނި އުފެދިގެން އައި ގޮތާއި އެކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކުގެ ތަފްސީލުތައް ހިމަނާފައިވެ އެވެ. އަދި ކުންފުނީގެ މަސައްކަތް ފެށުނީއްސުރެ މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތްވެސް ބަޔާންކޮށްދީފައިވެ އެވެ. ހަމަ އެއާއެކު ފެނާއި ނަޖިހުގެ ހާލަތާ މެދު މާލޭގައި އެންމެ ފުރަތަމަ ކުރެވުނު އިލްމީ ދިރާސާ ރިޕޯޓުން ފެށިގެން އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކޮށްފައިވާ މުހިއްމު މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.

މީގެ އިތުރުން މިހާރު އެމްޑަބްލިޔުއެސްސީ އިން ފެނާއި ނަރުދަމާގެ އިތުރުން އެހެން ދާއިރާތަކުގައި ފައިތިލަ ސާބިތުކޮށް ހޯދަމުންދާ ކުރިއެރުންތަކަށް ވެސް މިފޮތުގައި މައުލޫމާތުތަކެއް ހިމަނާފައިވެ އެވެ.