ފައިސަލް ނަސީމް

އިލްމުގެ ބޭނުން ހިފައިގެން މައްސަަލަތަކުގެ ހައްލު ހޯދަން އެދިވަޑައިގެންފި

May 20, 2022
1

މަތީ ތައުލީމު ހާސިލްކުރާއިރު ލިބޭ އިލްމުގެ ބޭނުން ހިފައިގެން މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް، ދަސްވެނީންނަށް ނައިބް ރައީސް ފައިސަލް ނަސީމު ގޮވާލައްވައިފި އެވެ.

ނައިބް ރައީސް މިކަމަށް ގޮވާލެއްވީ މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ނަސީމު ވިދާޅުވީ ތައުލީމު ހާސިލްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖުތަމައުގެ ތެރޭގައި ހަމަޖެހުން ގާއިމުކޮށްދިނުމަށް ލިބިފައި ހުރި އިލްމެއްގެ ބޭނުންހިފައިގެން މުޖުތަމައުގެ އެހެން މީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުން ކަމަށެވެ. އެމަނިކުފާނު ވަނީ މުޖުތަމައުގައި ހުރި ރަނގަޅުކުރަން ޖެހޭ އިޖުތިމާއީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ.

ނައިބް ރައީސް ވަނީ މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާކަން ފާހަގަކުރައްވައި މިހާރު މަތީ ތައުލީމު ހާސިލްކުރުމަށް މުޅި ރާއްޖޭގައި މީގެ ކުރިން ނެތް މިންވަރަށް ފުރުސަތުތައް ހުޅުވާލެވިފައި އޮތްކަން ވެސް ފާހަގަކުރައްވާފަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ކޮންމެ ކަމެއްގައި ވެސް ހެޔޮ ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިހްތިރާމާއެކު މީހުންނާއި މުއާމަލާތްކުރުމަށް އިސްކަންދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން ބެޗްލާ އޮފް ޓީޗިން ގުރުއާނާއި މާސްޓާ އޮފް ޓީޗިން އެންޑް ލާނިން އިން ދަސްވެނިވެ ދަރަޖަ ހާސިލްކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވެވީ ވެސް ނައިބް ރައީސް ފައިސަލް ނަސީމެވެ.

މީގެ އިތުރުން ނައިބް ރައީސް ވަނީ ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ އިން ޑޮކްޓަރު އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ އިން ދަސްވެނިވެ ދަރަޖަ ހާސިލްކުރި ދަރިވަރަށް ވެސް ސަނަދު ހަވާލުކޮށްދެއްވާފަ އެވެ. އަދި ކޯސްތަކުން އެންމެމަތީ ވަނަތައް ހާސިލްކުރި ދަސްވެނީންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.