ދުނިޔެ

ސަލްމާން ރަސްގެފާން ގަތަރުގެ އަމީރަށް ހާއްސަ ދައުވަތެއް އަރުވައިފި

ސައޫދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް، ގަތަރުގެ އަމީރު ޝެއިހު ތަމީމް ބިން ހަމަދު އަލްސާނީ ސައުދީއަށް ވަޑައިގަތުމަށް ހާއްސަ ދައުވަތެއް އަރުވައިފި އެވެ. އަމީރަށް ދައުވަތު އެރުވީ ސައޫދީ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން އަލްސައޫދު އެވެ.

މިއަހަރު ޖެނުއަރީ ކުރީކޮޅު ގަތަރާއެކު އަލުން ގުޅުން ބަދަހި ކުރި ފަހުން ސައޫދީ އޮފިޝަލުން ދޭތެރެ ދޭތެއިން ގަތަރަށް ވަޑައިގަންނަވަ އެވެ. މިއަހަރު މާރިޗުގައި ސައޫދީ ފޮރިން މިނިސްޓަރު ފައިސަލް ގަތަރަށް ވަޑައިގެން އަމީރު ތަމީމީއާ ބައްދަލު ވެސް ކުރެއްވި އެވެ.

ސައޫދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރެއިން އަދި މިސްރުން ގަތަރާ ގުޅުން ކަނޑާލީ 2017 އިގެ މެދުތެރޭގަ އެވެ. އެއީ މެދުއިރުމަތީގައި ހަމަނުޖެހުން ހިންގާ ބައެއް ޖަމާއަތްތަކާ ގަތަރުން މާ ބޮޑަށް ކައިރިވާތީއާ އީރާނާ ގުޅުން ބަދަހި ކުރާތީ އެވެ. އެހެން ނަމަވެސް، މިއީ ގަތަރުން އެއްބަސްވާން ބޭނުން ތުހުމަތުތަކެއް ނޫނެވެ. އެ ގައުމުން މިކަން އިންކާރު ވެސް ކުރެ އެވެ.

މެދުއިރުމަތީ ގައުމުތަކުން ގަތަރާއެކު އަލުން ގުޅުން އުފެއްދި ފަހުން ގަތަރުން ވެސް ސައޫދީއާ މުއާމަލާތް ކުރެ އެވެ. މިއަހަރު ފެބްރުއަރީގައި އަމީރު ޝެއިހު ތަމީމް ބިން ހަމަދު އަލްސާނީ ވަނީ ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފަ އެވެ.

މިއަހަރު ޖެނުއަރީގައި ސައޫދީގައި އޮތް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސަމިޓަކީ ގަލްފު ގައުމުތަކާ ގަތަރާ އަލުން ގުޅުމަށް މަގުފަހިކުރި ބައްދަލުވުމެވެ. ގަތަރާއެކުވި އެއްބަސްވުމުގެ ހުރިހާ މާއްދާތަކެއް އަދި ވެސް މީޑިއާއަށް އެނގިފައި ނުވާއިރު މިހުރިހާ ގައުމަކުން މިހާރު މުއާމަލާތްކުރެ އެވެ.