ދުނިޔެ

ޕާކިސްތާންގައި އެއްބިލިއަން ޑޮލަރު އިންވެސްޓްކުރަން ސަލްމާން ރަސްގެފާންގެ އަމުރެއް

ޕާކިސްތާންގައި އެއްބިލިއަން ޑޮލަރު އިންވެސްޓްކުރަން ސައޫދީ އަރަބިއްޔާގެ އިގުތިސޯދީ އިދާރާތަކަށް ސަލްމާން ރަސްގެފާން އަމުރު ކުރައްވައިފި އެވެ.

ޝާހީ ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުން އިންވެސްޓްމަންޓްގެ ބޭނުމަކީ ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމާއި އިގުތިސޯދު ހަމަޖެއްސުން ކަމަށެވެ.

ޕާކިސްތާނަށް އާދަޔާ ޚިޔާފަށް ވާރޭވެހި ފެންބޮޑުވެ ވަނީ ބޮޑެތި ގެއްލުތައް ލިބިފަ އެވެ.

ހާލުގައި ޖެހިފައި ތިބި މީހުންގެ އަދަދު މިލިއަނުން ގުނަމުންދާއިރު ބިރުގަންނަ ވަރަށް ކޮންމެ ދުވަހަކު ވެސް ދަނީ މީހުން މަރުވަމުންނެވެ.

ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރުމާއި އެހީތެރިވުމަކީ އިސްލާމްއާބާދު އެކަނިމާއެކަނި ނުކުމެ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް އެ ގައުމުގެ ސަރުކާރުން އޮތީ ބުނެފަ އެވެ. އަދި ބައިނަލްއަގްވާމީ އެހީތެރިކަމަށް ވެސް ވަނީ އެދިފަ އެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ އާއި ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުން ސަލްމާން ރަސްގެފާންގެ ބޮޑު އެހީތެރިކަމެއް މިވަނީ ލިބިފަ އެވެ.

ޕާކިސްތާންގައި އިސްވެސްޓް ކުރުމަކީ ސައޫދީއަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށް ޕްރިންސް ފައިސަލް ވިދާޅުވި އެވެ. އަދި އިވެސްޓް ކުރެވޭނީ ދެގައުމުގެ ޝައުގުވެރިކަން ހުރި ދިމަދިމާގައި ކަމަށްވެސް ވިދާޅުވި އެވެ.

ޕާކިސްތާނުން އެދިފައި އޮތް ލޯނު ދޫކުރުމަށްޓަކައި މި ފެށޭ ހަފުތާގައި އޮފިޝަލުންނާ ބައްދަލުކުރާނެ ކަމަށް އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ ބުނެފަ އެވެ. ޕާކިސްތާނަށް ހަ ބިލިއަން ޑޮލަރު ދޫކުރާ ގޮތަށް މަޝްވަރާ ކުރެވޭނެ ކަމަށް ވެސް އައިއެމްއެފް އިން ބުނެ އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ނިމުނު ހަފުތާގައި ގަތަރަށް ކުރެއްވި ޒިޔާރަތެއްގައި، ގަތަރުން ވެސް ވަނީ ތިން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަށަވަރު ކުރައްވާފަ އެވެ. ޕާކިސްތާނަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމަށް ގަތަރުން ވަނީ ޔަގީންކޮށްދީފަ އެވެ.

ޕާކިސްތާންގެ ޑިޒާސްޓާ މެނޭޖްމަންޓް އިދާރާ އިން ބުނާ ގޮތުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 50،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.

އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކާއި ދެގޮރު ވަނީ ގިރާލާފަ އެވެ. ކަރަންޓް ހޮޅިދަނޑިތައް ބޮލަށް ވެއްޓި އަދި 129 އަށް ވުރެ ގިނަ ބްރިޖް ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.