ޕާކިސްތާނަށް މިދާކަށް ދުވަހު އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބުނު ފަނާކުރަނިވި ގެއްލުންތައް 30 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝަހެބާޒް ޝަރީފް ދަންނަވައިފި އެވެ.
ގެއްލުނު ލިބުނު މީހުންނަށް އެހީވުމަށާއި އަވަށްތައް އަލުން ބިނާކުރުމަށް ބައިނަލްއަގްވާމީ އެހީތެރިކަމަށް ބޭނުންވާ ކަމަށްވެސް ބޮޑުވަޒީރު ދެންނެވި އެވެ.
ނޭޝަނަލް ފްލަޑް ރެސްޕޮންސް އެންޑް ކޯޑިނޭޝަން ސެންޓަރުގެ ކޯޑިނޭޓަރު، މޭޖާ ޖެނެރަލް ޒަފަރު އިގްބާލް ވަނީ ސެކްރެޓަރީ ޖެނެރަލް އަށާއި ބޮޑުވަޒީރަށް ފެންބޮޑުވުމުގެ ހާދިސާއާ ބެހޭ ގޮތުން އޮޅުންފިލުވައި ދެއްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނަށް ވެހުނު ވާރޭ 518 ޕަސެންޓް އިތުރެވެ. އޭނާ އަދި ވިދާޅުވީ އެއީ މީގެ ކުރިން ޕާކިސްތާން ތަޖުރިބާކުރި ވަރުގެ ވެހުމެއް ނޫން ކަމަށެވެ.
"ޕާކިސްތާންގެ ތިންބައިކުޅަ އެއްބައި އޮތީ ފެނު އަޑީގައި،" އޮފިޝަލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޕާކިސްތާންގެ ހަޔާތުގައި ވާރޭވެހިގެން ލިބުނު ގެއްލުންތައް މިފަހަރު ވަރެއް ނުވާނެ ކަމަށެވެ.
ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި އދ. އޮތީ ޕާކިސްތާން އަދި ޚާއްސަކޮށް ރައްޔިތުންނާ އެކު އެވެ. ބައިނަލްއަގްވާމީ އިދާރާތަކުން އަދި މާލީ ސްޕޮންސަރުންގެ ފަރާތުން އެހީ ހޯދުމަށް މަޝްވަރާ ކުރައްވާނެ ކަމަށްވެސް ގުޓަރެސް ވިދާޅުވި އެވެ.
ގުޓަރެސް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ މެދު ޕާކިސްތާން ވެސް ހޭވެރިވާން ޖެހެ އެވެ. އާންމުން ހޭލުންތެރިކުރުވުމާއި ބައިނަލްއަގްވާމީ އިދާރާތަކުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވާން ޖެހެ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅަކީ ޕާކިސްތާނަށް ލިބުނު ގެއްލުން ބައްލަވާ ލައްވައި، ޕާކިސްތާނަށް ހިތްވަރު ދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ބައިނަލްއަގްވާމީ މުޖުތަމައުން ޕާކިސްތާނަށް އެހީތެރިވެ ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް ގުޓަރެސް ވިދާޅުވި އެވެ. އަދި ބޮޑެތި ކާރިސާތަކުން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށ ވެސް ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއަށް ދެންނެވި އެވެ.