ދުނިޔެ

ޕާކިސްތާން އޮތީ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ހާލަތަކު ނޫން: ބޮޑުވަޒީރު

ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލައި ޕާކިސްތާން އަމިއްލަ ފައިމައްޗަށް ތެދުވުމަކީ މިއަދު މުސްތަހީލް ކަމެއް ކަމަށް ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިދާކަށް ދުވަހު ޕާކިސްތާނަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބުނު ގެއްލުން އެތައް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުންނާއި މާލީ އިދާރާތަކުން ޕާކިސްތާނާ މެދު އިހުސާންތެރިވުމަށް ވެސް ޝަހްބާޒް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

ޝަހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި މުއްސަނދި ގައުމުތަކުން ދަރަނި ދިނުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވުމަށް ޔޫރަޕްގެ ގައުމުތަކާ ވެސް މަޝްވަރާ ކުރެއްވި އެވެ. މަޝްވަރާތަކުން އަދި އަލިމަގެއް ފެނިވަޑައިގެންފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް)އާ އެކު ހެދި އެއްބަސްވުމުގައި ސަރުކާރަކަށް މިވަގުތު އެއްބަސްވާން ދަތި ޝަރުތުތަކެއް ހުރި ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އެހެންނަމަވެސް، ކެތްކުރެވެން އޮތް އެންމެ ބޮޑު މިންވަރަކަށް އައިއެމްއެފްއާ އެކު ކުރިއަށް ވަޑައިގަންނަވާ ކަމަށްވެސް އިޝާރާތްކުރެއްވި އެވެ.

ދުނިޔެއަށް ތެޔޮ ލިބުން ދަތިވެފައި އޮތް ދުވަސްވަރެއްގައި ޕާކިސްތާނުން ތެލާއި ކަރަންޓް އަގުބޮޑުކޮށް ޓެކްސް އިތުރުކުރުމަކީ ވަރަށް ހުށިޔާރުވެގެން ނޫން ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޝަހްބާޒް ޝަރީފް ވިދާޅުވި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ޕާކިސްތާނަށް ވަޑައިގެން ގެއްލުން ލިބިފައި ހުރި ބައެއް އަވަށްތަކަށް ވަނީ ޒިޔާރަތް ކުރައްވާފަ އެެވެ. މުއްސަނދި ގައުމުތަކުން ޕާކިސްތާނަށް އެހީތެރިވެ ދިނުމަށް ސެކްރެޓަރީ ޖެނެރަލް ވެސް އެދިވަޑައިގެންނެވި އެވެ.

ސެކްރެޓްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ މާލީއިދާރާތަކަށް ޕާކިސްތާނުން ދަރަނި ދައްކަން އޮތް މުއްދަތު އދ. އިން ވަގުތީ ގޮތުން ހުއްޓުވައިދޭނެ އެވެ. އަދި މާލީ އިދާރާތަކާ މަޝްވަރާކޮށްގެން ޕާކިސްތާނަށް ލުއި ގޮތްތައް ހަމަޖައްސައި ދެއްވާނެ އެވެ.

ޕާކިސްތާން އާބާދީގައި ހިމެނޭ 220 މިލިއަން މީހުންގެ ތެރެއިން 33 މިލިއަން މީހުންނަށް ވަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފަ އެެވެ.

އުސްބިންތަކުގައި ފެންބޮޑުވެ ފަސްތިރި ހިސާބުތަކަށް އޮހޮރިގެން ފޭބި ޗަކަވެލީގައި ވަޅުލެވުމުގެ ސަބަބުން ވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އިދާރާތަކަށް އަދިވެސް މަރުވި މީހުންގެ އަދަދު ސާފެއް ނުވެ އެވެ.

މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު 1،596 މީހަކު ވަނީ މަރުވެފަ އެވެ. އަދި 12،758 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެދޮރުގެ އަދަދު ދެ މިލިއަނަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި 804،998 ގެދޮރު ވަނީ މުޅިން ފަނާވެފަ އެވެ.

އިދާރާތަކުން ބުނާ ގޮތުން ކުކުޅާއި ގެރި ބަކަރި އާއި ޖަމަލު އަދި ކަންބަޅި ހިމެނޭ ގޮތުން ފެނަށް ގެނބި އެއްމިލިއަނަށް ވުރެ ގިނަ ޖަނަވާރު ވަނީ މަރުވެ ނެތިފަ އެވެ.