ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލްއަށް އދ. އިން ހުށަހެޅި ވަޒީފާ ގަބޫލެއް ނުކުރެއްވި އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އެ ކަމަނާއަށް ހުށަހެޅުއްވީ އދ. އަށް ގެންނަން ފެންނަ ބަދަލުތައް ވިލަރެސް ކުރާ ބޯޑުގެ ޗެއާވުމަންގެ މަގާމެވެ.
އެންޖެލާ މާކެލްއަށް ފޯނުން ގުޅުއްވައި އދ. ގައި ފުރުސަތު އޮތް ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. ޖަރުމަނުގެ ޑީޕީއޭ ނޫސް އެޖޭންސީ ބުނި ގޮތުން އދ. އިން ފުރުސަތު ދެއްވި ކަމަށްޓައި ސެކްރެޓަރީ ޖެނެރަލްއަށް އެންޖެލާ މާކެލް ޝުކުރު އަދާ ކުރެއްވި އެވެ.
ޖަރުމަނުގައި 16 އަހަރު ވެރިކަން ކުރެއްވުމަށް ފަހު އެންޖެލާ މާކެލް މިހާރު ވަނީ ސިޔާސީ ހަރަކާތްތައް ދޫކޮށްލައްވާފަ އެވެ. ޖަރުމަނުގެ ޗާންސެލަރު ކަމަށް އެކަމަނާ ހޮވިފައި އޮތް މުއްދަތު މިދިއަ އަހަރު ހަަމަވުމުގެ ކުރިން ވެސް ވަނީ ސިޔާސީ މަޝްރަހު ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އދ. ނޫނަސް އިންޓަނޭޝަލް މަނީޓަރީ ފަންޑާއި ދުނިޔޭގައި ހިންގާ ތަރައްގީއާ ގުޅުން ހުރި ޕްރޮގްރާމްތަކަށް އެންޖެލާ މާކެލް ކަހަލަ ތަރުބާކާރުން ވަަރަށް ބޭނުންވާނެ އެވެ.
އެހެން ނަމަވެސް، އެންޖެލާ މާކެލް ވިދާޅުވި ގޮތުގައި މަސައްކަތްތަކުގައި އުޅެއްވިއްޖެ އެވެ. ދެން އޮތީ އާއިލާ އާއި އަދި ގާތް އެކުވެރިންނާއެކު އިޖުތިމާއީ މަގުބޫލް ދިރިއުޅުމެއް އުޅެވޭތޯ ބެލުމެވެ.
ޖަރުމަނުގެ ޗާންސެލަރު ކަމުގައި އެހާ ގިނަ ދުވަސް ހޭދަ ކުރެއްވުމަށް ފަހު މަގާމު ދޫކޮށް ލައްވާނެކަން އިއުލާން ކުރެއްވުން ވެގެން ގޮސްފައި ވަނީ ގިޔަ ބަޔަކަށް ހިތާމައަކަށެވެ. އެންޖެލާ މާކެލް ނޫން މީހަކަށް ޒަމާނީ ޖަރުމަނު ނުހިންގޭނެ ކަމަށް ކިތަންމެ ބަޔަކު ވަނީ ބުނެފަ އެވެ.
ދުނިޔޭގައި ވަރަށް ހަލަބޮލި ދުވަސްވަރު ވެސް ޖަރުމަންގައި ހިފަހައްޓާފައި އޮތީ ގިނަ ބަޔަކަށް މަގުބޫލް ސަރުކާރެކެވެ. ވާދަވެރިންނަ ކިތަންމެ ޚިޔާލު ތަފާތު ދަނޑިވަޅު ތަކުގައި ވެސް މާކެލް ވަނީ މަޝްވަރާ ކުރައްވައި ސުލްހަ ދަމަހައްޓާފަ އެވެ.