ދުނިޔެ

ޕާކިސްތާނަށް ކުރާ ވިއްސާރާގައި 1،000 މީހުން މަރުވެއްޖެ

ޕާކިސްތާނަށް ވަރަށް ބޯކޮށް ވާރޭވެހި ފަަސްގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގެދޮރު އޮޔާ ގޮސް ހާލުގައި ޖެހިިފައި ތިބި މީހުންގެ އަދަދު މިލިއަނުން ގުނަން ޖެހިފައިވާއިރު މި ހާދިސާގައި މަރުވި މީހުންގެ އަދަދު 1،000 ފަހަނައަޅައިފި އެވެ.

ބިންގަނޑު އުސް ސަރަހައްދުތަކުން އޮހިގެން ފައިބާ ފެންކޯރުތައް މަގުތަކަށް އެޅި މީހުންނާ އެކު ވަނީ ގަނބައިގެން ގޮސްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާންގެ ބޮޑުބައި މިހާރު އޮތީ ފެނުގެ އަޑީގަ އެވެ. ގިނަ އަވަށްތަކުގައި ކަކޫތާފެނަށް ދިޔަބޮޑުވެ ދަތުރުފަތުރުކުރުން މުޅިހެން ވަނީ ހުއްޓިފަ އެވެ.

މީހުން ސަލާމަތްކުރުމުގައި އުޅޭ އޮފިޝަލުން ބުނާ ގޮތުން ހާލަތު އެންމެ ގޯސް އަވަށްތަކުގެ ތެރޭގައި ޚައިބަރު ޕަޚުތުންޚްވާ ހިމެނެ އެވެ. އަދި ސިންދު ޕްރޮވިންސާއި ބަލޫޗިސްތާންގައި ގިނަ ބަޔަކު ފަސްގަނޑު ދަށުވެ އަދި ވީނުވީ ގޮތް ނޭނގި އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ.

އިސްލާމްއާބާދުގައި އޮތް ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އިންފޮމޭޝަން މިނިސްޓަރު މަރިޔަމް އޫރުންގަޒިބު ވިދާޅުވި ގޮތުގައި ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،000 އަށް ވުރެ އިތުރުވެފަ އެވެ.

ކާރިސާ މެނޭޖްމަންޓުން ބުނާ ގޮތުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދުދު 30 މިލިއަނަށް ވުރެ މިހާރު އިތުރުވާނެ އެވެ.

މޫސުމީ ބަދަލުތަކާ އެކަނިމާއެކަނި ކުރިމަތިލެވޭ ފެންވަރު ގައުމުގައި ނެތް ކަމަށް ޕާކިސްތާން ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ބައިނަލްއަގުވާމީ އެހީތެރި ކަމަށް ވަނީ އެދިފަ އެވެ.

ޕާކިސްތާނަށް މިހާރު ކުރާ ވިއްސާރާގައި ލިބެމުންދާ ގެއްލުން 2010 ގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއަށް ވުރެ ބޮޑުވާނެ ކަމަށް އިދާރާތަކުން ބުނެ އެވެ. އެ ހާދިސާގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އޮފިޝަލުން ބުނާ ގޮތުން މީހުން މަރުވާން ދިމާވެފައި އޮތް އެންމެ ބޮޑު ސަބަބަކީ އުސް ތަންތަނަށް އެރުމަށްޓަކައި ގެދޮރު ދޫކޮށް ދިއުމެވެ. އެއްފަހަރާ ގިނަ ބަޔަކު ފަރުބަދަތަކަށް އަރަން ހަދައިގެން ފަސްގަނޑު ދެމިގަނެ މީހުންނާ އެކު ވަޅުލެވިފައި ހުރި ކަމަށްވެސް، މީހުން ސަލާމަތްކުރަން އުޅޭ ޓީމްތަކުން ބުނެ އެވެ.