ދުނިޔެ

ފިލިޕީންސްގައި ފެންބޮޑުވެ 49 މަރު، އިތުރު ބަޔަކަށް ބޮޑެތި ގެއްލުންތަކެއް

ފިލިޕީންސަށް މިހާރު ކުރަމުންދާ ވިއްސާރާގައި އާދަޔާ ކިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 49 އަށް އަރައިފި އެވެ.

ނޭޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލާ ހަވާލާދީ ސީއެންއެން އިން ބުނާ ގޮތުން މަރުވި މީހުންގެ އަދަދު ކުއްލިއަކަށް މައްޗަށް އެރި ސަބަބަކީ ހީނުކޮށް ތިއްބައި ކުއްލިއަކަށް ފެންބޮޑުވުމުން ކަމަށެވެ.

މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 16 މީހަކު ޒަހަމްވެ އަދި 22 މީހަކު ގެއްލިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ގާތްގަނޑަކަށް 554،000 މީހުން ހާލުގައި ޖެހިފައިވާ ކަމަށްވެސް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެ އެވެ. މީގެއިތުރުން 51،400 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އަދި 10،100 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފިލިޕީންސަކީ މޫސުމީ ބޮޑެތި ބަދަލުތައް ކޮންމެ އަހަރަކު ވެސް ތަޖުރިބާކުރާ ގައުމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮންމެ އަހަރަކު އެވްރެޖްކޮށް 20 ތޫފާން އެ ގައުމަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ފިލިޕީންސަކީ ނަގޫރޯޅި އާއި އެފަދަ ގުދުރަތީ ކާރިސާތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމެވެ.

މިފަދަ ބައެއް ހާދިސާތަކުގައި ވައިގެ އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް ވެސް ވަނީ ލިބިފަ އެވެ. މީގެތެރޭގައި މީހުން ސަލާމަތްކުރަން އުޅޭ ހެލިކޮޕްޓަރުތައް ފަދަ އުޅަނދުތައް ވެއްޓުމުގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތައް ލިބފައިވެ އެވެ.

ނިމިދިޔަ 2022 ވަނަ އަހަރުގެ ފަހުކޮޅު ފިލިޕީންސަށް ކުރަން ފެށި ވިއްސާރަ އެއްވާނެއްގައި ހިފެހެއްޓިފައި ވަރަށް ގިނަ ދުވަހު އޮތެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރަ އަކީ ވެސް އަންދާޒާކުރެވިފައި ނެތް މޫސުމީ ބަދަލެއް ކަމަށް -- މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.