ދުނިޔެ

ފިލިޕީންސްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 61 އަށް

Dec 31, 2018

މެނީލާ (ޑިސެމްބަރު 30) - ފިލިޕީންސްއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ފެންބޮޑުވެ މަރުވި މީހުންގެ އަދަދު މިހާތަނަށް 61 އަށް އަރާފައިވާއިރު، އިތުރު 18 މީހުން ގެއްލިފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ފިލިޕީންސްގެ އިރާއި ދެކުނުގެ ސަރަހައްދުތަކަށް ކަމުގައިވާއިރު، އެ ސަރަހައްދުތަކުގައި ހިނގި އެކި ހާދިސާތަކުގައި 12 މީހުން ޒަހަމްވެފައިވާކަމަށް ވެސް އެ ގައުމުގެ ޑިޒާސްޓާ ސެންޓަރުން ވަނީ ބުނެފަ އެވެ.

ފެންބޮޑުވެ ބިންގަޑު ކަނޑައިގެން ގޮސް މިހާތަނަށް 22،000 އަށް ވުރެ ގިނަ މީހުންނަށް ގެދޮރު ގެއްލިފައިވާކަމަށް ވެސް އެ އިދާރާއިން ބެނުފައިވެ އެވެ.

އެ ހާދިސާގައި ގެއްލުފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާއިރު، ފެންބޮޑުވުމުގެ ސަބަބުން ބްލޮކުވެފައިވާ މަގުތަކާއި ބްރިޖުތައް ސާފުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށް، އެތަކެއް ހާސް މީހުންނެއް އެއާޕޯޓުތަކާއި ބަސް ސެޓޭޝަންތަކުގައި ވަނީ ތާށިވެފަ އެވެ.

ފިލިޕީންސްއަކީ ދުނިޔޭގައި ތޫފާނުތައް އެންމެ ގިނައިން އަރާ އެއް ގައުމެވެ. މިގޮތުން އަހަރަކު އެވެރެޖުކޮށް 20 ތޫފާނު ފިލިޕީންސަށް އަރަ އެވެ.

މިގޮތުން، 2013 ވަނަ އެރި ތޫފާނެއްގައި 6،300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފަ އެވެ.