އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފުރުސަތު ގެއްލުނު ސަބަބު އިސްލާމިކް މިނިސްޓްރީން ސާފުކޮށްދީފި އެވެ.
ރޯދަ މަހުގެ ފަހު ދިހައިގައި އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ދަމު ނަމާދު ކުރެ އެވެ. މީގެކުރިން ބައެއް އަަހަރުތަކުގައި ޑރ. ޝަހީމް އިމާމުވެ ދަމު ނަމާދު ކުރައްވާފައިވެ އެވެ. ޝަމީމަކީ ވަރަށް ރީތިކޮށް ކީރިތި ގުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ. އެހެންކަމުން މަރުކަޒުގައި ޝަހީމު އިމާމުވެ ދަމު ނަމާދު ކުރެއްވުމަކީ ގިނަ ބަޔަކު އެދޭ ކަމެކެވެ.
އެކަމަކު ޝަހީމް މިއަދު ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރުމުގެ ފުރުސަތު މި އަހަރު ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އަވަސް އަށް ވިދާޅުވީ ފަހު ދިހައެއްގައި އިމާމުވެ ތަރާވީހު ނަމާދު ކުރުމަށް މިސްކިތެއް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެން ޝަހީމު ސީޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުއްވެވި އެ ސިޓީގައި ވަކި މިސްކިތެއް ހަމަޖެއްސެވުމަށް އެދިވަޑައިގެންފައެއް ވެސް ނެތެވެ.
"އެ ސިޓީއާ ގުޅިގެން އަޅުގަނޑު ވާނީ މިސްކިތްތަކާ ބެހޭ ސެކްޝަނަށް އަންގާފައި ޝަހީމް އެދިވަޑައިގެންނެވި ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް. އެއީ ޝަހީމް ފޮނުއްވެވި ސިޓީގައި ވަކި މިސްކިތެއް ފާހަގަކުރައްވާފައި ނުވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމީ މަރުކަޒު ހަމަޖައްސަވައިދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވީ މިއަދު އެ މިނިސްޓްރީން ޝަހީމަށް ގުޅުއްވުމުން ކަމަށެވެ. އެ ފުރުސަތު މިއަހަރު ދެވެން ނެތީ ދަމު ނަމާދު ކުރުމަށް މިހާރު އިމާމަކު ހާއްސަކޮށްފައިވާތީ އެވެ. މި އަހަރު މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރައްވާނީ ޕާކިސްތާނުގެ ހާފިޒެކެވެ.
"ފަހު ދިހައެއް ފަށަން އޮތީ ހަތަރު ދުވަސް. އެހެން ކަމުން އަޅުގަނޑުމެން މި ވަނީ ދުރާލާ އެކަމަށް ތައްޔާރު ވެފައި، ޕާކިސްތާނުގެ އިމާމަކު ގެނެސް ދަމު ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައި. އެއީ މަރުކަޒުން ޝަހީމަށް ފުރުސަތު ނުދެވުނު ސަބަބަކީ،"
އިސްލާމިކް މިނިސްޓްރީން ވަނީ ޝަހީމް ހުޅުމާލޭގައި ދިރިއުޅުއްވާ ގެއާ ކައިރިގައި ހަދާފައިވާ "ދިގަލި މިސްކިތް" ގައި އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ ދެއްވާފަ އެވެ. އެކަން ޝަހީމު ވެސް ވަނީ ޔަގީން ކޮށްދެއްވާފަ އެވެ.