އުމުރުން 18 އަހަރުން ދަށުގެ ކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވަން އިސްލާމިކް މިނިސްޓްރީން އެންގި އެންގުމާމެދު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖޭގައި މަދުން ނަމަވެސް ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ކުރާ މަންޒަރު ފެނެ އެވެ. ބައެއް ކުދިންނަކީ އިމާމު ކަމުގެ ކޯސް ފުރިހަމަ ކޮށްފައިވާ ނުވާ ކުދިނެވެ. މި ފަދަ މައްސަލައެއް މި ބަންދުތެރޭގައި ހުޅުމާލޭ ސަހަރާ މިސްކިތުން ފެންމަތިވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހިނގާދިޔަ ގޮތް ބައްލަވާފައިވާ ކަމަށާއި އެ ކުދިންނަކީ ކޯސް ހަދާ ކުދިން ކަމަށެވެ. އަދި ޕްރެކްޓިސް ކުރުމަށް އެކުދިން ލައްވައި އިމާމުވެ ނަމާދު ކުރުވި ކަން އެނގުނު ކަމަށެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން ކުޑަކުދިން ލައްވާ، ޕްރެކްޓިސް ކުރުމަށް ވެސް އިމާމުވެ ނަމަދު ކުރުމަކީ މަނާކަމެއް ކަމަށާއި ކޯސް ފުރިހަމަ ކޮށްފައި ހުރި ކުއްޖަކަށް ވެސް އެންމެ ކުޑަމިނުން ކުރެވޭނެ ކަމަކީ އިމާމުގެ ހާޒިރުގައި ބަންގި ގޮވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައްޖޭގެ ކޮންމެ މިސްކިތަކަށް ވެސް ހުންނާނެ އިމާމެއް ކަނޑައަޅާފައި. ކޮންމެ މީހަކަށް ވެސް މިސްކިތް ހަވާލު ކުރުމުގެ ކުރިން އަންގާފައި އޮންނާނެ ބަންގި ގޮވާ، ނަމާދު ކުރަން ޖެހޭނީ އޭނާ ކަމަށް. އެހެން މީހަކު އެކަން ކޮންގެން ނުވާނެ ކަމަށް،" މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ކުޑަކުދިން ލައްވައި އިމާމުވެ ނަމާދު ކުރުމާ ގުޅޭގޮތުން ސާކިއުލާއެއް ވެސް ހުރިހާ ރަށްތަކަށް އީދު ބަންދަށް ފަހު ފޮނުވާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން މިސްކިތުގައި ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އެ މިނިސްޓްރީގެ ހާއްސަ ހުއްދައާއެކު އެވެ. ހުއްދަ ނެތި އިމާމުވެ މިސްކިތްތަކުގައި ނަމާދު ކުރުމަކީ މަނާ ކަމެކެވެ.
މިނިސްޓްރީގެ ނިންމުމާ ގުޅޭގޮތުން ޝަހީމް ވިދާޅުވީ ނަމާދުގެ ހުކުމްތައް ދަންނަ ޝަރުއީ ގޮތުން ބާލިޣުވެފައިވާ 13-15 އަހަރުގެ ކުދިން އިމާމުގެ ނަމާދު ކުރުމަކީ ދީނީ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫނެވެ.
"ހާއްސަކޮށް ރީތިކޮށް ގުރުއާން ކިޔަވާ ހިތުދަސް ކުދިންނަށް ފުރުސަތު އޮތުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ކަމެއް،"
ޝަހީމް ވިދާޅުވީ ރަސްމީ އިމާމުންނަކީ ވަކި ފާހެއް އޮންނަން ޖެހޭ ބައެއް ނަމަވެސް ރީތިކޮށް ކިޔަވާ ގުރުއާން ހިތުދަސް ކުދިންނަށް ފުރުސަތު އެއްކޮށް ބަންދު ވެގެން ނުވާނެ ކަމަށެވެ. އަދި އިސްލާމީ އުސޫލަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުޑައިރު މިސްކިތަށް ދިޔުމުން ބައެއް ފަހަރު އިމާމުކަން ހަވާލު ކުރޭ. ނަމާދުގެ މިސްކިތުގެ ކުރީ ސަފުގައި ކުޑަކުއްޖަކު އިނަސް އެ ކުދިން ފަހަތު ސަފަށް ޖައްސާ ބޭރުކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. ކުރީ ސަފުގެ ޖާގަތަކަކީ އެތަނުގައި ކުރިން އިންނަ މީހެއްގެ ހައްގެއް. ކުޑަކުއްޖަކު ގޮސް ކުރިން އިށީންދެއްޖެނަމަ އެ ކުއްޖަކު ބޭރު ނުކުރެވޭނެ. ހާއްސަކޮށް ހަތް އަހަރު ވެފައިވާ ކުދިން،"
އޯއައިސީގެ އިސް މަގާމެއްވެސް ފުރުއްވާފައިވާ ޝަހީމް ވިދާޅުވީ ކުޑަ ކުދިން މިސްކިތަށް ލޯބި ޖެއްސުމާއި މިސްކިތުން އެ ކުދިން ބަލައިގަންނަންކަން އިހުސާސްވާން ޖެހޭ ކަމަށެވެ.