ރައްޔިތުންގެ މަޖިލިސް

ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރައަށް ކުޑަކޮށްފި

އަލަށް އިންތިހާބްވި ރަށު ކައުންސިލްތަކުގެ ރައީސްގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ކަނޑައެޅި މިންވަރަށް މުސާރަ ބޮޑު ނުކުރަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.

ޕޭ ކޮމިޝަނާވެސް މަޝްވަރާ ކުުރުމަށް ފަހު މާލިއްޔަތު ކޮމެޓީން މިދިޔަ އާދިއްތަ ދުވަހު އެކުލަވާލި ރިޕޯޓްގައި ރަށު ކައުންސިލްތަކުގެ ރައީސްގެ މުސާރަ އެލަވަންސްތަކާއެކު 15،000 އިން 23،000 އަށް އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ 11،000 އިން 12،000 ރުފިޔާއަށް ބޮޑު ކުރަން އޮތީ ފާސްކޮށްފަ އެވެ.

ނަމަވެސް އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި އެ މުސާރަތައް މުރާޖާ ކުރަން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ހުށަހެޅުއްވި އެވެ. އެ އިސްލާހަށް ތާއިދު ކުރެއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

ގަފޫރު ހުށަހެޅުއްވީ ރަށު ކައުންސިލްތަކުގެ ރައީސްގެ މުސާރަ އެލަވަންސްތަކާއެކު 23،000 އިން 20،000 އަށް ކުޑަކޮށް އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އެލަވަންސްތަކާއެކު 11،000 އިން 13،000 އަށް ބޮޑު ކުރުމަށެވެ.

ގަފޫރު ހުށަހެޅުއްވި އިސްލާހުތަކާއެކު މާލިއްޔަތު ކޮމެޓީގެ ރިޕޯޓް ފާސް ކުރަން 62 މެމްބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ނިންމުމާއެކު ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުންގެ މުސާރަ އެލަވަންސްތަކާއެކު 12،000 އިން 15،000 ރުފިޔާއަށް އަދި އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ އެލަވަންސްތަަކާއެކު 26،000 އިން 28،000 އަށް ބޮޑުވާނެ އެވެ.

އޭގެ އިތުރުން ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް 30،000 ރުފިޔާގެ މުސާރައެެއް އެލަވަންސްތަކާއެކު ލިބިވަޑައިގަންނަވާނެ އެވެ.