ރޯދަ މަސް

މީސްތަކުންނަށް ހެޔޮ ފޯރުވުމުގެ މާތްކަން

މީސްތަކުންނަށް ހެޔޮ ފޯރުކޮށްދިނުމަކީ އިސްލާމް ދީން ނުހަނު ބާރު އަޅުއްވަ ކަމެކެވެ. މުސްލިމެއް އޭނާގެ އަމިއްލަ ނަފްސަށް އެދޭފަދަ ހެޔޮ ގޮތްތައް އަނެއް މުސްލިމު އަޚާއާމެދު ނުއެދޭހާހިނދަކު އީމާންކަން ޞައްޙަ ނުވާނެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގައިވެއެވެ. "وخير الناس أنفعهم للناس" (رواه الطبري) މާނައީ: "މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ މީސްތަކުންނަށް އެންމެ ހެޔޮ ފޯރުކޮށްދޭ މީހާއެވެ.

ބަސްފުޅެއްގައިވެއެވެ. މީހަކު އައިސް ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ ކޮބައިތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ.

"މީސްތަކުންގެ ތެރެއިން މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ، މީސްތަކުންނަށް އެންމެ ހެޔޮ ފޯރުކޮށްދޭ މީހާއެވެ. އަދި މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ މުސްލިމަކަށް އުފާވެރިކަން ގެނެސްދޭ ކަމެއް ކޮށްދިނުމެވެ. އޭނަގެ ގިލަންވެރިކަމެއް ފިލުވައި ދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާގެ ހައިހޫނުކަން ފިލުވައި ދިނުމެވެ. އަދި މި މިސްކިތުގައި (އެބަހީ: މަސްޖިދުއް ނަބަވީގައި) އިޢުތިކާފަށް އިނުމަށްވުރެ، މީހެއްގެ ބޭނުމެއް ފުއްދައިދިނުމަސް އޭނާއެކުގައި ދިޔުމަށް ތިމަންކަލޭގެފާނު މާ ލޯބި ކުރައްވަމުއެވެ." (رواه الطبري)

މީސްތަކުންނަށް ހެޔޮ ފޯރުކޮށްދިނުމަކީ އެކަމުގެ ދަރުމަ މަތިވެރި ޢަމަލެކެވެ. މީސްތަކުންނަށް އެންމެ އެހީތެރިކަން ބޮޑު، އެންމެ ހެޔޮ ފޯރުވައިދޭ މީހާ، މާތް ﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު މީހެއްކަމުގައި ވުމަކީ އޭނާއަށް ލިބޭ މަތިވެރި ދަރަޖައެކެވެ. އެހެނީ މާތް ﷲ އެކަލާނގެ އަޅެއް ދެކެ ލޯބިވެވޮޑިގެންފިނަމަ ޖިބްރީލުގެފާނަށް ވަޙީކުރައްވާނެއެވެ. "ހަމަކަށަވަރުން އެވެނި މީހެއް ދެކެ މާތް ﷲ ލޯބިވެވޮޑިގެންފިއެވެ. ފަހެ ކަލޭގެފާނު އޭނާ ދެކެލޯބިވެވަޑައިގަންނަވާށެވެ." ދެން ޖިބްރީލްގެފާނު އެމީހެއްދެކެ ލޯބިވެވަޑައިގެން އުޑުތަކުގެ އަހުލުވެރިންނަށްވެސް އެފަދައިން އަމުރު ކުރައްވާނެއެވެ. ދެން އުޑުތަކުގެ މަލާއިކަތުން އެމީހަކު ދެކެލޯބިވެވަޑައިގަންނަވާނެއެވެ. އަދި އޭނާއަށް ބިމުގައި ޤަބޫލުވެވިގެންވުން ލައްވާނެތެވެ.

އިސްލާމް ދީނަކީ އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވާ ދީނެކެވެ. މިދީނުގެ ހުރިހާ ކަމެއްގައިވެސް އިޖްތިމާޢީ ގުޅުން ޤާއިމު ކުރުމަށް ބާރުއަޅާ އަސާސްތަކެއް ހުރެއެވެ. އެގޮތުން ފަރުޟު ފަސްނަމާދަކީވެސް އިޖްތިމާޢީ ގުޅުމުގެ ރަމްޒެކެވެ. މުޖްމަތަޢުގައި އުޅޭ މީސްތަކުން ފެނިދެނިވެ، އެކުވެރިކަން އާލާކޮށްދީ، އެކަކު އަނެކެއްގެ ހާލު ބަލައި ހެދުމުގެ މަގުފަހިއްކޮށްދޭ އަޅުކަމެކެވެ.

ހަމައެފަދައިން ރަމަޟާންމަހުގެ ރޯދައަކީވެސް އިޖްތިމާޢީ ގުޅުން ވަރުގަދަކޮށްދޭ އަޅުކަމެކެވެ. ރޯދަވެރިޔަކަށް ރޯދަ ވީއްލަން ދީފި މީހާއަށް، އެ ރޯދަވެރިޔާގެ ރޯދަޔާ އެއްފަދަ ދަރުމަ ލިބޭނޭކަމުގައި ޙަދީޘްކުރައްވާފައިވެއެވެ. މިސްކިތްތަކުގައި ރޯދަ ވީއްލުމަށް އަޅާ ސުފުރާތަކަކީ، މީސްތަކުންނަށް ހެޔޮ ފޯރުކޮށްދިނުމާއި އިޖްތިމާޢީ ގުޅުން ވަރަގަދަކޮށްދޭ ކަމެކެވެ. ހަމައެފަދައިން، މުޖްތަމަޢުގެ އެންމެން އެކުގައި ރޯދައިގެ އަޅުކަން އަދާކުރާހިނދު، ރޯދަމަހުގެ ރޫޙު މުޅި މުޖްތަމަޢުގައި އޮންނަނީ އަށަގެންފައެވެ.

ހަމަ އެޔާއެކު ދެޢީދު ދެދުވަހާކީވެސް މީސްތަކުންނަށް ހެޔޮފޯރުކޮށްދީ، ޢާއިލީ ގުޅުން ބަދަހިކޮށް، ނިކަމެތިންނަށް އެހީތެރިވުމުގެ ދެދުވަހެވެ. ރަމަޟާންމަހަށްފަހުގައި އަދާކުރާ ފިޠުރު ޒަކާތަކީވެސް އިޖްތިމާޢީ ގުޅުން ވަރުގަދަކޮށްދޭ މަތިވެރި އަޅުކަމެކެވެ. މުސްލިމުންގެ ޢީދު ދުވަހުގައި މުޖްތަމަޢުގެ ނިކަމެތި ފަޤީރުންނަށް ކާބޯތަކެތި ފޯރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ފިޠުރު ޒަކާތުގެ މަޤްޞަދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.