ދުނިޔެ

ވާދަވެރިކަމަށް މަރުހަބާ ކިޔަން އެކަމަކު ރެސްލިން މެޗަކަށް ވެގެން ނުވާނެ: ޗައިނާ

އެމެރިކާގެ ރައީސް ކޮންގްރެސްއަށް ދެއްވި ބަޔާނުގައި ވިދާޅުވީ ޗައިނާއާ އަދި އެހެނިހެން ގައުމުތަކާ ވާދަ ކުރައްވާނެ ކަމަށާއި 21 ވަނަ ގަރުނު ކާމިޔާބު ކުރައްވަން އެދިވަޑައިގަންވާ ކަމަށެވެ. އަދި ވިދާޅުވީ ޗައިނާއާ އަރާރުން ވުމަށް ވުރެ ދުޅަހެޔޮ ވާދަވެރި ކަމެއް އެމެރިކާއަށް މުހިންމު ކަމަށެވެ.

ބައިޑަން ދެއްކެވި ވާހަކަތަކަށް އިޖާބަ ދެއްވައި ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން، ވަންގް ވެންބިން ވިދާޅުވީ ވާދަވެރި ކަމުގެ ރޫހަކަށް ވާންވާނީ މަސްލަހަތު ކަމަށެވެ. ދެފައިގައި އެއްކޮށް ޖަހައި ވައްޓާލުން ނޫން ކަމަށެވެ. އަދި ވިދާޅުވީ މަސްލަހަތަށް ބުރަވެ ޗައިނާއާ އެމެރިކާ ވާދަކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ތަބީއީ ގޮތުން ވެސް ވާދަވެރި ކަމަށް ހާޖަތު ޖެހެން ވާނެ ކަމަށެވެ. ތަރުޖަމާން ވިދާޅުވި ގޮތުން ވާދަވެރި ކަމަކީ ރެސްލިން މެޗެއް ކަމަށް ދެކިގެން ނުވާނެ އެވެ.

"ވާދަވެރި ކަމަކީ ފަންނަކުން ކުރި ހޯދުން. ބިނާ ކުރަނިވި ގޮތުގައި ކުރިއަރައި ދިއުން،" ތަރުޖަމާން ވިދާޅުވި އެވެ. "މިސާލަކަށް ރޭސް ޖެހުން. ދުވުން" އޭނާ ވިދާޅުވި ގޮތުން ރެސްލިން މެޗަކުން އެފެންނަނީ ފަނާ ކުރަނިވި ވާދަވެރި ކަމެވެ.

ވިޔަފާރީގައި މަސްލަހަތު ނެތް މުއާމަލާތަކަށް ހުރަސް އަޅުއްވާނެ ކަމަށް ބައިޑަން ވިދާޅުވި ވިދާޅުވުމަށް ތަރުޖަމާން ވަންގް ވެންބިން ވިދާޅުވީ އެމެރިކާއިން މިހާރު ވެސް ވަނީ ވިޔަފާރީގެ ރޫހު ގެއްލުވާލާފައި ކަމަށާއި ދުޅަހެޔޮ ވިޔަފާރިއަށް އެެމެރިކާ ނޫފޫޒުފޯރުވާ ކަމަށެވެ. އަދި ވިދާޅުވީ ވިޔަފާރީގައި ހަމަހަމަ ފުރުސަތަށް އެންމެ ބޮޑަށް ދެކޮޅުހަދަނީ އެމެރިކާ ކަމަށެވެ.

ޗައިނާގެ ވިސްނުން ހުރީ އަރާރުންތަކާ ދެކޮޅަށް ކަމަށާއި އިހުތިރާމްކުރުމާއި ފަރުދީ ފައިދާއަށް އިސްކަންދިނުމަށް ވުރެ މުހިންމު ކަމެއް ނެތް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެމެރިކާއާއެކު ވެސް ގުޅުން ބާއްވާނީ މި އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.