ދުނިޔެ

ސަރުކާރު އެކުލަވާލުން އިދިކޮޅަށް، ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ގެއްލިދާނެ

އިޒްރޭލުގައި ސަރުކާރެއް އެކުލަވާލުމަށް ރައީސް ރޫވެން ރިވްލިން 28 ދުވަސް ދެއްވައި އެ މަސްއޫލިއްޔަތު އިދިކޮޅު ލީޑަރު ޔައީރު ލަޕީދުއާ ހަވާލު ކުރައްވައިފި އެވެ. މި ފުރުސަތު އިދިކޮޅު ލީޑަރަށް ލިބިވަޑައިގަތީ އިޒްރޭލުގެ މިހާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެއްވި 28 ދުވަސް ފާއިތުވި އިރުވެސް ސަރުކާރެއް އެކުލަވާލެވިފައި ނުވާތީ އެވެ.

އިޒްރޭލުގައި މާޗް 23 ގައި ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވަން ބޭއްވި އިންތިހާބުގައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް އެއްވެސް ޕާޓިއަކަށް ގޮޑި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ކޯލިޝަން ނުހަދައި ސަރުކާރެއް އެކުލަވައިލުމަށް އޮޓަމެޓިކުން ފުރުސަތު ލިބެނީ ގާނޫނު ހަދާ މަޖިލިސް، ކްނެސެޓްގައި ހިމެނޭ 120 ގޮނޑިން 61 ގޮޑި ލިބުމުންނެވެ. އެނޫން ގޮތެއްގައި ސަރުކާރެއް އެކުލަވާލެވެނީ ރައީސް އެ މަސްއޫލިއްޔަތު ހަވާލު ކުރައްވާ ބޭފުޅަކަށް، ޕާޓިތަކާ މަޝްވަރާ ކޮށްގެން ކޯލިޝަން ހަދައިގެންނެވެ.

ޔައީރު ލަޕީދުއަށް ދެއްވި 28 ދުވަސް ހަމަވާއިރު ވެސް ކޯލިޝަން ސަރުކާރެއް އެކުލަވައި ނުލެވިއްޖެ ނަމަ އެ މަސްއޫލިއްޔަތު ރައީސް ދެން ހުށަހަޅުއްވާނީ ގާނޫނު ހަދާ މަޖިލީހަށެވެ. އެތަނުގައި އެމްޕީން މެދުވެރިކޮށް ސަރުކާރެއް އެކުލަވައި ނުލެވިއްޖެ ނަމަ އަލުން އާ އިލެކްޝަނެއް ބާއްވަން ޖެހެ އެވެ.

ބޮޑު ވަޒީެު ބެންޖަމިން ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔާބުވުމާ ގުޅިގެން އޭނާގެ ކުރިމަގާ މެދު ވެސް މިހާރު އޮތީ ސުވާލު އުފެދިފަ އެވެ. އަދި މިއީ އޭނާގެ މައްޗަށް އުފުލާފައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ތަންކޮޅެއް ބާރަށް ހިނގައިގަންނާނެ މަރުހަލާއަކަށް ވާނެ ކަމަށް ވެސް ބެލެވެ އެވެ.