ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މި ފަހުން ކޮންމެ ދުވަހަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ވީޑިއޯ މެސެޖެއްގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންގެ ނިސްބަތް ވަރަށް މަތި ކަަމަށެވެ. ނަޒްލާ ވިދާޅުވި ގޮތުގައި ދުވާލަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުދިން ޕޮޒިޓިވްވެއެވެ.
އަދި ވިދާޅުވީ އުމުރުން 10 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މި އަދަދަށް ޕޮޒިޓިވް ނަންބަރު ހުރިއިރު އެއް އަހަރު ނުވާ ކުދިންގެ ތެރެއިން ހަތަރު ފަސް ކުއްޖަކުވެސް ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުންދާ ކަމަށެވެ.
"މިގޮތުން ގާތްގަނޑަކަށް 70 ނޫނީ 80 ކުދިން ދުވާލެއްގެ މައްޗަށް އެބަ ޕޮޒިޓިވްވޭ. މިއީ 10 އަހަރުން ދަށުގެ. އަދި އެއް އަހަރުން ދަށުގެ ހަތަރު ކުދިން ނޫނީ ފަސް ކުދިން ދުވާލެއްގެ މައްޗަށް އެބަ ޕޮޒިޓިވްވޭ. ދުވަސްވީ މީހުންނާއި އަޅާބަލާއިރުގައި ކުޑަކުދިން ސީރިއަސްވުމުގެ ފުރުސަތު ދަށްކަމުގައިވިޔަސް މިއީ ނުވާނެ ކަމެކޭ އަޅުގަނޑުމެެންނަށް ނުބުނެވޭނެ،"
ނަޒްލާ ވަނީ ދަރިންގެ ރައްކާތެރިކަަމަށްޓަކައި ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ.
މިއަދަކީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު 766 މީހަކު ޕޮޒިޓިވްވެފައިވާއިރު މިއީ 700 އިން މަތީގައި ޕޮޒިޓިވް ނަންބަރު ހުރި ތިން ވަނަ ދުވަހެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 571 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 171 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 23 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދު ހެދީ 3،153 ކޮވިޑް ޓެސްޓެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 8،261 މީހުންނެވެ. މިހާތަނަށް 25،782 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 205 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 82 މީހެކެވެ.