ދުނިޔެ

ގުދުސްއާ ބެހޭ ގޮތުން އަރަބި ލީގު ބައްދަލުކުރަނީ

އަރަބި ލީގުން އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެއް މާދަމާ، ހޯމަދުވަހު ބާއްވާނެ އެވެ. އެއީ ގުދުސްގައި އިޒްރޭލުން ފަލަސްތީން މީހުނަށް އަނިޔާކޮށް މިހާރުން ހިންގަމުން އަންނަ ހަމަނުޖެހުންތަކާ މެދު ސައްލާ ކުރުމަށާއި އަވަސް ހައްލަކަށް މަގުފަހި ކުރުމަށެވެ.

މިއީ ފަލަސްތީނުން އެދިގެން ގަތަރުން އިސްނަގައިގެން ބާއްވާ ސަމިޓެކެވެ. ސަމިޓް ޗެއާ ކުރާނީ ވެސް ގަތަރުން ކަމަށް އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮފް އަރަބް ލީގް، ހުސާމް ޒަކީ ވިދާޅުވި އެވެ.

އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ބައްްދަލުވުންތައް ބާއްވަން ވަކި ތާވަލެއް ވަކި ދުވަސްވަރެން ކުރިން ކަނޑައެޅިފައި ނޯވެ އެވެ. ކުންފުންޏެއް ނަމަ ތާވަލުން ބޭރު މުހިންމު ކަންކަމުގައި ވެސް އީޖީއެމް ބާއްވަ އެވެ. ޖަމާއަތެއް ނަމަ ކުރިމަތިވާ ހާލަތްތަކުގައި މިފަދަ ބައްދަލުވުންތަކަށް ގޮވާލަ އެވެ.

އަރަބް ލީގު ބައްދަލުވުމަށް އެޖެންޑާގައިވާ މައުލޫއަކީ ފަލަސްތީނެވެ. އިޒްރޭލުން ގުދުސްގައި ހިންގާ އަނިޔާވެރިކަމެވެ. މި ރޯދަ މަހު މަސްޖިދުލް އަގްސާގައި އަޅުކަން ކުރަން ފަލަސްތީން މީހުންނަށް ހުރަސް އަޅައި އިޒްރޭލުން ކުރާ ޖެއްސުމަށާއި އިރުމަތީ ގުދުސް އަމިއްލަ ކުރަން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

ހުކުރު ދުވަހުގެ ރޭ ތަރާވީސް ނަމާދުގައި މުސްލިމުން ތިއްބައި އިޒްރޭލް ފުލުހުން މަސްޖިދުލް އަގްސޯއަށް ހަތިޔާރާއެކު ވަދެގަނެ ސަފުތައް ބުރުވާލައި ހިންގި އުދުވާނުގައި 178 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އޭގެ ތެރެއިން ބޮޑަށް އަނިޔާ ލިބުނު 88 މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކުރެ އެވެ. މިސްކިތުގެ އެތެރެއާ ގޯތިތެރޭގައި އިޒްރޭލު ފުލުހުން ކަރުނަގޭހާއި ރަބަރު އުންޑަ އަދި ސްޓަން ގްރޭނޭޑާއި ގޭސް ބޮން ބޭނުންކޮށް ފަލަސްތީން މީހުންނަށް ވަނީ އަނިޔާ ކޮށްފަ އެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ފަލަސްތީންގެ މީހުންގެ މައްޗަށް ގަދަވެގަންނަ ކޮންމެ ފަހަރަކު ގައުމުތަކަށް ކުރެވެން އޮންނަ ކަމަކީ ހަމަލާތައް ކުށްވެރި ކުރުމެވެ. ތިޔަކަން ނުކުރާށޭ ބުނުމެވެ. މިއީ ނަމެއްގައި ކުރާ ކަމެކެވެ. މިފަހަރު ވެސް ކަންހިނގަމުން އަންނަނީ މިއާދައިގަ އެވެ.

ރޯދަ މަހު 27 ވަނަ ރޭގައި ވެސް އިޒްރޭލުން ވަނީ ފަލަސްތިން މީހުން އަޅުކަން ކުރަން ހުރަސް އަޅާފަ އެވެ.