އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރުމާ މެދު ވިސްނުމަށް ރައީސް އެދިވަޑައިގެންފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިވަގުތު ބޭއްވުމާ ދޭތެރޭ އަލުން ވިސްނާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް އެކަމަށް އެދިވަޑައިގެންނެވީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އިންތިހާބެއް ބާއްވާ ކޮންމެ ވަގުތަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެގެންދާ ވަގުތެއް ކަމަށެވެ. އެކަމަކު މި ވަގުތަކީ ޕާޓީގެ ބަދަހިކަމަށް ވަރަށް މުހިއްމު ވަގުތެއް ކަމުގައި ވެސް ވިދާޅުވި އެވެ. އެހެންކަމުން ގައުމީ މަޖިލީހުގެ މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިވަގުތު ބޭއްވުމާ މެދު ހުރިހާ ބޭފުޅުން ވިސްނާ ވަޑައިގަތުމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްދިނުމުގެ އިޝާރާތެއް ރައީސް ސޯލިހް ކުރައްވާފައި މިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ދެމުންގެންދާ އޭޑީކޭ ހޮސްޕިޓަލަށް މިއަދު ވަޑައިގެން ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު އެވެ. އެކަމަކު އިންތިހާބު ފަސްކުރުމާ މެދު ވިސްނުމަށް އެދިވަޑައިގެންނެވި ވަކި ސަބަބެއް ރައީސް ސޯލިހް ވިދާޅުވެފައެއް ނުވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖައްސާފައިވެ އެވެ. ވޯޓުލުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ވޯޓް ލާން އެއްވެސް ގައުމެއްގައި ވޯޓް ފޮއްޓެއް ނުބަހައްޓާނެ އެވެ. އެކަމަކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވޯޓް ފޮށި ބަހައްޓަން ނިންމާފައިވެ އެވެ.

އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވި އެ ޕާޓީގެ މެންބަރުންނަށް މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ އިއްޔެގެ ނިޔަލަށެވެ. އެހެންނަމަވެސް މަގާމުތަކަށް ކުރިމަތިލީ މީހުންގެ އަދަދެއް އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބި 93،354 މީހުންނަށް ވޯޓު ލުމަށް ފުރުސަތު ދިނުމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ. އިންތިހާބުގައި ވޯޓު ލާން ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެމްޑީޕީން ބަލަހައްޓާ ޕާޓީގެ ދަފްތަރުގައިވާ މީހުންނަށެވެ. އިންތިހާބު ކުރިއަށް ދާނީ ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއެކުގައި ކަމަށްވެސް އެމްޑީޕީން ކުރިން ބުނެފައިވެ އެވެ.