ތިމާވެށި

މޫސުމީ މައްސަލަތައް ހައްލުކުރަން އިތުރު ފައިސާ ބޭނުންވޭ: ތޯރިގު

Nov 9, 2015
1

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ގައުމުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އިތުރު ފައިސާ ބޭނުންވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 21 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޕްރީ ކޮޕް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާނީ ރާއްޖެއިންނެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަށް ގައުމުތައް ހޭލުންތެރި ކުރުވުމަށް ހިންގާ ހަރަކާތްތަކަށް ލިބޭ ހިލޭ އެހީ އިތުރުކުރުމަކީ ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ކުރުން ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ދުނިޔޭގެ ފިނިހޫނުމިން މައްޗަށްދާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ، ފިނިހޫނުމިން ފިނިހޫނުމިން އިތުރުވަމުންދާ މިންވަރު 1.5 ޑިގްރީގައި ހިފަހައްޓަން ކުރަންޖެހޭ މަސައްކަތްތައް ކުރަން ހުރިހާ ގައުމަކަށް އިލްތިމާސްކުރައްވާފަ އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ތިމާވެއްޓަށް މަސައްކަތްކުރަން އެކުލަވާލާފައިވާ އެލަޔަންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސް (އެއޯސިސް)ގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާތީ، ކުދި ގައުމުތަކުގެ ކަންބޮޑުވުންތައް ހާމަކޮށް މޫސުމާގުޅޭ މައްސަލަތަކަށް ހައްލު ހޯދަން ރާއްޖޭން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ވެސް މިނިސްޓަރު ތޯރިގު ވަނީ ވިދާޅުވި އެވެ.

މޫސުމަށްއަންނަ ބަދަލުތަކުގެ މުއާހަދާގެ ބައިވެރިންގެ 21 ބައްދަލުވުން ބާއްވާނީ މި ނޮވެމްބަރު މަހުގެ 30 އިން ޑިސެމްބަރު 11 އަށް ޕެރިހުގަ އެވެ.
އެއޮސިސްގެ މެންބަރެއްގެ ގޮތުގައި މިހާތަނަށް 44 ގައުމަކުން ބައިވެރިވެފައިވާ އިރު، މި އަހަރު ޕެރިހުގައި ބާއްވާ ބައްދަލުވުމުގައި 69 ގައުމަކުން 72 އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.