ޑރ. އަބްދުﷲ މުއްތަލިބް

ފިއުލް ފާމް ބަދަލުކުރަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް

މާލެ ކައިރީގައި އޮންނަ ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ބަދަލުކުރަނީ ކ. ތިލަފުށި ކައިރީގައި އޮންނަ ކ. މާގިރިފަޅަށް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ތިލަފުށި ކައިރީގައި މާގިރިފަޅު ކިޔާ ފަޅެއް އޮންނައިރު ހުޅުމާލޭގެ އުތުރުން އޮންނަ ޝެރެޓަން މޯލްޑިވްސް އާއި ކަނޑުއޮތްގިރި ކައިރީގައިވެސް އެ ނަން ކިޔާ ފަޅެއް އޮވެ އެވެ.

މާގިރިފަޅަށް ފިއުލް ފާމް ބަދަލުކުރަން ނިންމިކަން ސަރުކާރުން ހާމަކުރުމުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ވަނީ ޝެރެޓަން މޯލްޑިވްސް އާއި ކަނޑުއޮތްގިރި ކައިރީގައި އޮންނަ މާގިރިފަޅަކީ ގުދުރަތީ ގޮތުން މުއްސަނދިތަނެއްކަން ފާހަގަކޮށް ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެކަން ސާފުކޮށްދެއްވާ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ ފުނަދޫގައި ހުރި ފިއުލް ފާމް ބަދަލުކުރަނީ ތިލަފުށި ކައިރީގައި އޮންނަ މާގިރިފަޅަށް ކަމަށެވެ.