މެދު އިރުމަތި

އިޒްރޭލުގެ ހަމަލާތައް ޣައްޒާގެ ސްކޫލްތަކަށާއި ފެކްޓްރީތަކަށް

ފަލަސްތީނުގެ ޣައްޒާގައި އާންމުން އަމާޒުކޮށް އިޒްރޭލުގެ ފައިޓާ ޖެޓުތަކުން ބޮން އަޅައިފި އެވެ. އޭގެ ތެރޭގައި ހިލޭ ސާބަހަށް ހިންގާ ސްކޫލްތަކާއި ސިނާއީ މަރުކަޒުތައް ވެސް ހިމެނެ އެވެ.

މަންޒަރުދުށް މީހުން ނޫސް އޭޖެންސީތަކަށް ކިޔައިދިން ގޮތުން ހަމާސްއިން ހިންގާ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ. އަދި ސިނާއީ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި ޕްލާސްޓިކް ފެކްޓަރީއެއްގައި ރޯވެ އެކުވެނިތެރެ ވަނީ އަނދާފަ އެވެ.

ޣައްޒާގައި އާންމުން ދިރިއުޅޭ ގެދޮރަށް ވެސް އިޒްރޭލުން ހަމަލާދީފައި ވެއެވެ. މަންޒަރު ދުށް މީހުން ބުނީ ރޯވެފައި ހުރީ ކިތައް ގޭގައިކަން އަދި ނޭނގޭ ކަމަށާއި އިމާރާތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 130 ތަނަކަށް ބޮން އަޅައި ހަމާސްއަށް ނިސްބަތްވާ 15 މީހުން މަރާލާފައި ވާނެ ކަމަށް އިޒްރޭލް ސިފައިން ބުނެ އެވެ. ޣައްޒާގައި އާންމުންނަށް އަމާޒުކޮށް ހަަމަލާދީ 26 މީހުން ވަނީ މަރާލާފަ އެވެ. އަދި އިތުރު 122 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ.

ހަމާސްއިން ބުނީ އިޒްރޭލްގެ ހަމަލާތަކަށް ރައްދު ދިނުމަށް އަވަށްތަކަށް އަމަޒުކޮށް ރޮކެތަކެއް ފޮނުވާލި ކަމަށާއި އަދި ވެސް ރައްދުދޭނެ ކަމަށެވެ. އިޒްރޭލްގެ މީޑިއާއިން ބުނި ގޮތުން ހަމާސްއިން ފޮނުވި ރޮކެޓްތައް އެގައުމަށް އަމާޒުވި އެވެ. އަދި މީހަކު ވަރުވެ އެކިވަރުގެ ގެއްލުން ލިބުނެވެ.

ޣައްޒާއާ ހަމައަށް ހަމަނުޖެހުންތައް ފޯރާފައި ވަނީ މަސްޖިދުލް އަގްސާގައި ނަމާދަށް ތިބި ފަލަސްތީން އާންމުންނަށް އިޒްރޭލުން ހަމަލާ ދިނުމުން ހިނގި ކުރިމަތިލުންތަކަށް ފަހު އެވެ. އަދި ޝެއިހް ޖައްރާހް އަވަށުން ފަލަސްތީން ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ އަނިޔާވެރި ކަމަށް ފަލަސްތީން މީހުން ދެކޮޅުހަދާފައި ވަނިކޮށެވެ.