ރާއްޖޭގެ މޫސުން ގޯސްވެ ނ އަތޮޅުން ރ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ހަތަރު އަތޮޅަށް މޫސުމީ އިންޒާރު ނެރެފައިވަނީ މިރޭ އަށަކުން 11 ޖަހަންދެން ކަމަށެވެ. މި ވަގުުތުތަކުގައި ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ގުގުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ރިކޯޑްތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ފ. ނިލަންދޫ އަށެވެ. އެއީ 104.5 މިލިމީޓަރުގެ ވާރެ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ސ. ގަމަށެވެ. އެއީ 98.6 މިލިމީޓަރުގެ ވާރެ އެވެ. މާލޭ ސަރަހަށްދަށް 82.8 މިލިމީޓަރަށް ވާރޭ ވެހުނެވެ.
ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައްގަދަވެ ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އެދިފަ އެވެ.
މެޓުން ބުނީ ރާއްޖެއަށް މިހާރު ކުރާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށިގެން ކުރާ ވިއްސާރައެއް ކަމަށެވެ. މިހާރު ރާއްޖޭގައި ހިނގަމުން ދަނީ ހުޅަނގުގެ ކެތި ނަކަތެވެ. އެއީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތެވެ. އާއްމު ގޮތެއްގައި މި ނަކަތުގައި މޫސުން ގޯސްވެ ގަދަ ވިއްސާރަ ކުރެ އެވެ. ކެތި ނަކަތް ނިމޭނީ މި މަހު 19 ވަނަ ދުވަހުގަ އެވެ.