ވިޔަފާރި

އެކްސްޕޯ މޯލްޑިވްސްގެ ލޯގޯ އާއި ލަވަ ތައާރަފުކޮށްފި

Nov 9, 2015
2
  • ފެއާ ބާއްވަނީ އަންނަ މަހުގެ 22-29 ދަރުބާރުގޭގައި
  • ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް
  • ދިވެހި ހުރިހާ އުފެއްދުންތަކެއް ބައިވެރިވެވޭނެ

ރާއްޖޭގެ 33 ވަނަ އުފެއްދުންތެރިކަމުގެ މައުރަޒު "އެކްސްޕޯ މޯލްޑިވްސް 2015" ގެ ނަމަށް ރީ-ބްރޭންޑްކޮށް، ލޯގޯ އާއި ލަވަ މިރޭ ލޯންޗް ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ދައުލަތުގެ މީޑިޔާ "ޕީއެސްއެމް" ބައިވެރި ވެގެން ބާއްވާ މި މައުރަޒު އޮންނާނީ އަންނަ މަހުގެ 22 އިން 29 އަށް ދަރުބާރުގޭގަ އެވެ.

ޓީވީއެމްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އިނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި މައުރަޒުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

"މި މައުރަޒު ވެގެންދާނީ ދިވެހިންގެ އުފެއްދުންތައް ރާއްޖޭން ބޭރަށް ދާނެ ކޮރިޑޯއަކަށް،" ސައީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ފީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ ޕީއެސްއެމް އިން މި މައުޒަރަށް ދިވެހި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ.

"ދައުލަތުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިވާ އުސޫލުން. މައުރަޒުގެ މައުލޫމާތު ފުޅާކޮށް ގެނެސް ދިނުމަށް މަސައްކަތް ކުރާނަން،" އިކްރާމް ވިދާޅުވި އެވެ.

ރާއްޖޭ އުފެއްދުންތެރިކަމުގެ މައުރަޒުގައި އެންމެ މަތީ މާކްސް ހޯދާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ލޯނެއް ލިބޭނެ އެވެ. އެ މިނިސްޓްރީން ތަފާތު ގިނަ ލޯނުތަކެއް ދޫކުރެ އެވެ.


އެކްސްޕޯ މޯލްޑިވްސް ގައި ދިވެހި އުފެއްދިންތެރިކަމާއި ހުނަރު އަދި ތަފާތު ހަރަކާތްތަށް ދައްކުވާދައިދޭނެ އެވެ. މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހިންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.