ހަސަދަވެރިންގެ ސިޔާސީ މަޅިތަކުން ދިވެހިން ސަލާމަތްވެ، ސަރުކާރުގެ ފަހަތަށް އަރަން ޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ. ދިވެހި އުފެއްދުންތެރިކަމުގެ 33 ވަނަ ގައުމީ މަރުކަޒު "އެކްސްޕޯ މޯލްޑިވްސް 2015" ގެ ލޯގޯ އާއި ލަވަ ތައާރަފު ކުރން ޓީވީއެމްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ އިގްތިސާދީ ޕްލޭންއަކީ މިހާތަނަށް ދިވެހިރާއްޖެއަށް ނުލިބޭ މިންވަރަށް ތަރައްގީ ގެނުވާނެ ޕްލޭނެއް ކަމަށެވެ.
"ބްރިޖް ކަމަށްވިޔަސް، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކަމަށްވިއަސް، އައި-ހެވަން ކަމަށްވިއަސް މާލެ ޕޯޓް ރިލޮކޭޝަން ކަމަށްވިއަސް، 50 ރިސޯޓް ބާޒާރަށް ނެރުން ކަމަށްވިއަސް، ފްރީ ޓްރޭޑް އެގްރީމެންޓް ކަމަށްވިއަސް، ރައީސް ހުށަހަޅުއްވާފައިވާ އިގްތިސާދީ ޕްލޭނަކީ، އެ ޕްލޭނުން ދިވެހިރާއްޖެއަށް މިހާތަނަށް ދިވެހިންނަށް ނުލިބޭނެ ނަސީބު ގެނެސްދޭނެ އިގްތިސާދީ ޕްލޭނެއް. މިކަމާ ހަސަދަވެރިވާ ފަރާތްތައް ގިނަކަމުން އަޅުގަނޑުމެން ހިތާމަކުރަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިގޮތަށް ހަސަދަވެރިވާ ބަޔަކު، ދިވެހިން ސިޔާސީ އޮއިވަރަކަށް ގެންބުމަށްޓަކައި ސިޔާސީ ގޮތުން ޖަހާ "މަޅިތަކުން ނެއްޓެން" ޖެހޭ ކަމަށެވެ.
"މި އިގްތިސާދީ ޕްލޭން ހާސިލްކުރެވޭނެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. ސަބަބަކީ ދެން މި ނަސީބު ދިވެހި ރައްޔިތުންކަކަށް ނުލިބޭނެ. ސަބަބަކީ އަޅުގަނޑުމެންނަށް 10 އަހަރު ރާސްތާއެއް ފައިދަށުން ސޮއްސާލައިގެން މިހާރުވެސް ގޮސްފި. ދެން ކިހިނެއްތޯ އެ ދުވަސްތައް ރިވާސް ކުރާނީ؟ އަޅުގަނޑުމެން މާތްﷲ ލައްވާފައިވަނީ އެގޮތަކަށް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެކްސްޕޯ މޯލްޑިވްސް" މައުރަޒާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި މި ފެއާ ވެގެންދާނީ ދިވެހިންނަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ މައުރަޒަކަށް ކަމަށެވެ.
"ހުރިހާ ރައްޔިތުން، ޒުވާން ވިޔަފާރިވެރިން، ވިސްނުންތެރި ބޭފުޅުން މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭ. މި އެކްސްޕޯއަކީ ކާމިޔާބު އެކްސްޕޯއަކަށް ހެދުމަށްޓަކައި ހުރިހާ ބޭފުޅުންވެސް ބައިވެރިވާން ޖެހޭ،" ސައީދު ވިދާޅުވި އެވެ.