ވިޔަފާރި

ރާއްޖޭން ޗައިނާއަށް އެތެރެކުރާ މަހުން ޑިއުޓީ ކަނޑާލަނީ

Apr 4, 2016
  • މަހުގެ 400 ބާވަތްތަކުން ޑިއުޓީ ކެނޑޭނެ
  • މިހާރު މަހުން 50 ޕަސެންޓް ޑިއުޓީ ނަގާނެ
  • މި އަހަރު ތެރޭގައި އެއްބަސްވުމަކަށް އަންނާނެ

ރާއްޖޭން ޗައިނާ އަށް އެތެރެކުރާ މަހުން ޑިއުޓީ ނެގުން ހުއްޓާލަން ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މަޝްވަރާކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ ގޮތުން ރާއްޖޭން މުދާ އެތެރެކޮށް އަދި ބޭރުކުރާ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމަށް ކަސްޓަމްގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް މިއަހަރު ތެރޭގައި ޗައިނާއާއެކު އައުމަށް މަޝްވަރާތައް ފަށާފައިވާއިރު މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭން އެ ގައުމަށް އެތެރެކުރާ 400 އަށްވުރެ ގިނަ މަހުގެ އެކި ބާވަތްތަކަށް ޑިއުޓީ ނެގުން ހުއްޓާލާނެ ކަމަށެވެ.

"މިހާރު ރާއްޖޭން 400 އަށްވުރެ ގިނަ ބާވަތްތައް ހިމެނޭ. އަޅުގަނޑުމެން އެދިފައިވާނެ ސުން ޕަސެންޓް މަހަށް ބޭންދުން. މީގެ މާނައަކީ އެއްވެސް ޗާޖެއް ނެތި ކަނޑު ގޮވާމުގެ ބާވަތްތައް ވެސް ޗައިނާ އަށް އެތެރެ ކުރުން. އަށް ވަރަށް އީޖާބީ ޖަވާބެއް ލިބިފައި އޮތީ. އެކަން އިރާދުކުރެއްވިއްޔާ ވާނެ،" ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ މި ބައްދަލުވުމުގައި 250 ވިޔަފާރިވެރިންނަށް ދައުވަތު ދީފައިވެ އެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ މަދު ވިޔަފާރިވެރިން ތަކެވެ. މި ބައްދުވުންތައް ދެ ތިން ހަފުތާއަށް ކުރިއަށް ދާނެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މި ބައްދުވުމުގެ ސަބަބުން ޗައިނާއަށް މުދާ އެތެރެކޮށް ބޭރުކުރާ ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް ހެދޭނެ ކަމަށެވެ.

"މި ބައްދަލުވުމުގެ މައިގަނޑު ސަބަބަކީ އިމްޕޯޓަރުންނާއި އެކްސްޕޯޓަރުންނަށް ހުރި ދަތިތައް އައިޑެންޑިފައި ކުރުން. މި އެކްސަސައިޒްއަކީ ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމަކަށް މިނިސްޓްރީން ކުރިއަށް ގެންދަނީ. މީގެ މަގުސަދަަކީ ވިޔަފާރިވެރިންނަށް ހުރި ދަތިތައް ފްރީޓްރޭޑް އެގްރީމެންޓަކަށް ދާއިރު ދެނެގަތުން. އަދި އެއަށް ހައްލު ހޯދުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ހަމައެކަނި ފައިދާ ލިބޭނީ ޗައިނާއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް އެކަނި ނޫން ކަމަށެވެ. އެ ގައުމުން ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ވެސް ފައިދާ އޮންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"މިސާލަކަށް މޯލްޑިވިއަން ވެސް އެބަ އުދުހޭ ޗައިނާގެ ފަސް ސަރަހައްދަކަށް. މެގަވެސް އެބަކުރޭ. އަދި އިތުރު އެއާލައިންތައް ވެސް ކުރިއަށް އޮތް ތާނގައި ފަށާނެ. މިގޮތަށް ކުރާއިރު މުސްތަގުބަލުގައި ކުރާއިރު މެއިންޓަނަސްގެ ކަމަށްވެސް މި ޖެހެނީ ރާއްޖެއަށް އަންނަން. އަޅުގަނޑުމެން އެބަ މަޝްވަރާކުރަން އެއާލައިންތައް މި އެއްބަސްވުމުގެ ދަށުން އެހެން ސިޓީތަކަށް ދަތުރުކުރަން ވެސް،" ސައީދު ވިދާޅުވި އެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު މިހާރު ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި މަޝްވަރާތައް ނިމި، ޑިއުޓީގެ އިނާޔަތް ލިބެން ފެށުމުން ރާއްޖޭން ޗައިނާއަށް އެތެރެކުރާ މަހަށް މިހާރު ނަގަމުން ގެންދާ 50 ޕަސެންޓުގެ ޑިއުޓީއެއް ނުނަގާނެ އެވެ.