ވިޔަފާރި

އެފްޓީއޭއާ ބެހޭ ގޮތުން އިދިކޮޅުން ދައްކަނީ ހޮޅި ވާހަކަ: ސައީދު

ޗައިނާ-ރާއްޖެ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ބެހޭ ގޮތުން، އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އަސްލެއް ނެތް، ހޮޅި ވާހަކަ ތަކެއް ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ރައްދުދެއްވައިފި އެވެ.

ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ ގޮތުން، އިނދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައި "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެފްޓީއޭއާ ބެހޭ ގޮތުން ހަމަޖެހޭ ވާހަކަތަކެއް ނުދައްކާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޗައިނާ މާކެޓުން ދިވެހި ވިޔަފާރިތަކަށް ރަނުގެ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމާ މާކެޓަކީ ޗައިނާ. ކުރީގެ [އެމްޑީޕީ] ސަރުކާރަކުން ދެއްކި ކަނޑު ގޮވާން ކުރުމާއި ފަޅު ގޮވާން ކުރުމުގެ ވާހަކަ މިސާލަކަށް. މިގެން އުފެދޭ ތަކެތި އެކްސްޕޯޓް ކުރަނީ ކޮން ތަނަކަށްތޯ މާކެޓު ނުހޯދައި. ރާއްޖޭގެ ގްރޫޕާ [ފާނަ] އަށް އެންމެ ރަނގަޅު އަގު ލިބެނީ ހޮންކޮންގް އިން. މި ދިރާސާ ކުރައްވަން ވީނޫންތޯ އިދިކޮޅުން. އަޅުގަނޑުމެން މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދަން އެބަ ހޮންކޮންގްއާ ވެސް،" ސައީދު ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމާ މާކެޓަކީ ޗައިނާ. ކުރީގެ [އެމްޑީޕީ] ސަރުކާރަކުން ދެއްކި ކަނޑު ގޮވާން ކުރުމާއި ފަޅު ގޮވާން ކުރުމުގެ ވާހަކަ މިސާލަކަށް. މިގެން އުފެދޭ ތަކެތި އެކްސްޕޯޓް ކުރަނީ ކޮން ތަނަކަށްތޯ މާކެޓު ނުހޯދައި.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މި ސަރަހައްދުގެ ގައުމުތަކާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުހަދައި، ޗައިނާއާއެކު އެއްބަސްވުމަކަށްދާތީ، ކިޔަމުންދާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ދެމެދުގައި ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް "ސަފްޓާ" ގެ ނަމުގައި އެބައޮތް ކަމަށެވެ. އަދި މި އެއްބަސްވުމަށް ހުރިހާ ގައުމުތަކުން ވެސް އިހުތިރާމު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ކުރެވޭނީ ހުރިހާ ގައުމުތަކެއް އެއްބަސް ކިޔައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސާކުގެ ހަތް ގައުމުގެ ފްރީޓްރޭޑް އޭރިއާއެއް އޮވޭ. އެހެންވެ އެއަށް އޮނާ ކުރަން ޖެހޭ. އެހެންވެ އޭގެ ބޭރަށް އަޅުގަނޑުމެން ވިސްނަން ޖެހެނީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާގައި ރާއްޖޭގެ ކަނޑުމަހަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ. އެކަން އެނގުނީ ޗައިނާގައި ބޭއްވި ކުންމިން ފެއާގައި ދިވެހި އުފެއްދުންތެރިން ބައިވެރި ކުރި ތަކެއްޗަށް ލިބުނު ތަރުހީބުން ކަމަށް ވިދާޅުވި އެވެ.

"ކުންމިން ފެއާގައި ދިވެހި މަސްދަޅާއި މަހުގެ ބާވަތްތައް ގެންދިޔަ. މި ގެންދިޔަ ވިޔަފާރިވެރިންގެ ކައިރީ އައްސަވާ ލިބުނު ތަރުހީބު. އަޅުގަނޑު އަޑު އަހަން ބައެއް އިދިކޮޅު ފަރާތްތަކުން ބުނާ އަޑު ދިވެހި މަހަށް ޗައިނާގައި އެއްވެސް ތަރުހީބެއް ނެތޭ. އެއީ މުޅިން ގޯސްވާހަކައެއް. ކުންމިން ފެއާގައި އެންމެ ދެ ދުވަސްތެރޭގައި ހުރި ހުރިހާ މަހެއް ވިކި ހުސްވި،" ސައީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ޗައިނާގެ މުދާ ގިނަވެ ރިޓެއިލް ވިޔަފާރިވެރިންނަށް ގެއްލުން ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި އެއްބަސްވުމުން ރާއްޖެއަށް ގެއްލުންވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މި ވާހަކަ އަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ މިހާރު ރާއްޖޭގެ ބާޒާރުގައި ގިނައީ ކޮން ގައުމެއްގެ މުދަލެއްތޯ ބަލަން ޖެހޭ ކަމަށެވެ. މިއީ އިދިކޮޅު ފަރާތްތަކުން ދިވެހިންނަށް ސާފުކޮށްދޭން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުނިޔޭގައި ވެސް އެންމެ ގިނައީ މިވަގުތު ޗައިނާ މުދާ. މުދާ އަންނާނީ ގިނައިން އުފައްދާ ގައުމުތަކުން. ނުވަތަ ގައުމަކުން. މިއީ އެއްވެސް ދިރާސާ ކުރުމެއްނެތި ރައްޔިތުންނާއި ވިޔަފާރިވެރިންގެ ހިތުގައި ބިރުވެރިކަން އުފައްދަން ދެއްކާ ވާހަކައެއް. އެވާހަކަ އެމީހުން ދެއްކި މިހާރު ވެސް ކުރޭ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި ވެސް. އެ ނޫން ވާހަކައެއް ދައްކާކަށް ރެޑީއެއް ވެސް ނޫން. ނުވެސް އެނގޭ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިތުރު ބޭންކުތައް ރާއްޖެ ގެނެވޭނެ ކަމަށެވެ.

"މި އެއްބަސްވުމުން ދިވެހި ބޭންކުތަކަށް ބޭރުގެ ބޮޑެތި ބޭންކުތަކުން ފައިސާ ގެނެސް ދިވެހި ވިޔަފާރިތަކަށް ދިނުމުގެ ފުރުސަތު ވެސް ހަމަޖެހިގެން އެބަދޭ. ބޭރުގެ ބޭންކުތަކުން ޑައިރެކްޓްކޮށް ދިވެހި ވިޔަފާރިތަކަށް ނުވަތަ އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ލޯން ނެގުމުގެ ފުރުސަތު ފަހިވާނެ،" ސައީދު ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެ އެފްޓީއޭގައި ސޮއިކުރަން ސަރުކާރުން ތައްޔާރުވުމުން ގޮތުން ވަނީ ކެބިނެޓާއި ރައްޔިތުން މަޖިލީހުންވެސް ވަނީ ރުހުންވެސް ދީފަ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމް ސިނާއަތަށް ފައިދާ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.