- ވާހަކަތައް ނިމުމަށްފަހު އެއްބަސްވުން ގާއިމް ކުރާނެ
- ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ކެނޑިގެންދާނެ
- ދިވެހި ވިޔަފާރިވެރިންނަށް މުޅިން އާ މާކެޓެއް ހުޅުވޭނެ
ޗައިނާ-ރާއްޖެއާ ދެމެދު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ފަހު ބުރުގެ ވާހަކަތައް ހޮންކޮންގައި މިއަދު ފަށައިފި އެވެ.
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިނަލް މަޝްވަރާތަކަށާއި އަދި ހޮންކޮންގް-ރާއްޖެ މިނިވަން ވިޔަފާރީގެ ވާހަކަތަކުގައި ރާއްޖޭން ބައިވެރިވާ ވަފުދުވެގެ ވެރިޔާ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ ހޮންކޮންގައި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ވަނީ ފެށިފަ އެވެ. ނަމަވެސް ވާހަކަތަކުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިނަލް މަޝްވަރާތަކަށް ފުރާވަޑައި ގަތުމަށް އެއާޕޯޓުގައި ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވެފައިވަނީ ޗައިނާއާއެކު ކުރަމުން ދާ މަޝްވަރާތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. އަދި މި އެއްބަސްވުން މިހާރު އޮތީ ރާއްޖޭން ބޭނުންވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޗައިނާއަކީ އެންމެ ބޮޑު ބާޒާރު. އެ މަސައްކަތް މި ނިމުނީ. އެމީހުންގެ ސީފުޑް [މަހުގެ ބާވަތްތައް] ހިމަނައިގެން ވަނީ ޓެރިފްލައިން އެޖެސްޓްމަންޓެއް ގެނެވިފަ. ކަޅުބިލަ މަހާއި ރިކުއެސްޓްކުރީ ޒީރޯ ޑިއުޓީގައި. އެ ބޭފުޅުން ވަރަށް އީޖާބީ ގޮތެއްގައި ކަންތައް ކޮށްދެއްވާފައި އެބަހުރި،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭން ޗައިނާއާއެކު މަޝްވަރާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭން އެކްސްޕޯޓްކުރާ ކަނޑުމަހުގެ 400 ބާވަތަކުން ޑިއުޓީ މައާފު ކުރުން ހިމެނެ އެވެ.
ރާއްޖޭން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމުގެ އިތުރުން ހޮންކޮންގްއާއެކުވެސް މިފަދަ އެއްބަސްވުމެއް ގާއިމް ކުރަން މިފަހަރު މަޝްވަރާ ފަށާނެ އެވެ.