ވިޔަފާރި

ހޮންކޮންގް-ރާއްޖޭގެ އެފްޓީއޭއިން މާލީ ބާޒާރަށް ކުރިއެރުން ލިބޭނެ: ސައީދު

Jan 27, 2018

ރާއްޖެ އާއި ހޮން ކޮންގާއެކު ގާއިމް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމާއި މާލީ ބާޒާރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ

ހޮންކޮންގް-ރާއްޖެ އެފްޓީއޭގެ ފަހުގެ މަޝްވަރާ ބައްދަލުވުމަށް އެ ގައުމުގައި ހުންނެވި، މިނިސްޓަރު ސައީދު ކުރެއްވި ޓުވީޓެއްގައި އިއްޔެ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށެވެ

ރާއްޖެ- ހޮންކޮންގް މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމުގެ މަޝްވަރާތައް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ވިޔަފާރި މުދާ އެތެރެކޮށް ބޭރު ކުރާ ގައުމު ކަމަށްވާ ހޮންކޮންގަށް ސައީދު ކުރައްވާ މި ދަތުރު ފުޅުގައި އެ ގައުމާއެކު ގާއިމްކުރާ އެފްޓީއޭ އެއްބަސްވުމުގައި ސޮއި ކުރުމާ ހަމައަށް ދާއިރު، ޗައިނާއެކު ސަރުކާރުން ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކޮށްފަ އެވެ.