- ޗައިނާއަށް އެތެރެކުރާ މަހުގެ ޑިއުޓީ އުނިވާނެ
- މުދާ އިމްޕޯޓުކުރާ ދިވެހި ވިޔަފާރިތަކަށް ފަސޭހަތަކެއް
- މަޝްވަރާތަކާމެދު ދުނިޔެ، ދެކެނީ ޕޮޒިޓިވްކޮށް
ޗައިނާ-ރާއްޖެއާ ދެމެދު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮންނާނީ ރާއްޖެއިން މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފައިދާވާ ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިނަލް މަޝްވަރާތަކަށާއި އަދި ހޮންކޮންގް-ރާއްޖެ މިނިވަން ވިޔަފާރީގެ ވާހަކަތައް ފެށުމަށް ހޮންކޮންގަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ، ޗައިނާއާއެކު ކުރަމުން ދާ މަޝްވަރާތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. އަދި މި އެއްބަސްވުން މިހާރު އޮތީ ރާއްޖޭން ބޭނުންވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޗައިނާއަކީ އެންމެ ބޮޑު ބާޒާރު. އެ މަސައްކަތް މި ނިމުނީ. އެމީހުންގެ ސީފުޑް [މަހުގެ ބާވަތްތައް] ހިމަނައިގެން ވަނީ ޓެރިފްލައިން އެޖެސްޓްމަންޓެއް ގެނެވިފަ. ކަޅުބިލަ މަހާއި ރިކުއެސްޓްކުރީ ޒީރޯ ޑިއުޓީގައި. އެ ބޭފުޅުން ވަރަށް އީޖާބީ ގޮތެއްގައި ކަންތައް ކޮށްދެއްވާފައި އެބަހުރި،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭން ޗައިނާއާއެކު މަޝްވަރާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭން އެކްސްޕޯޓްކުރާ ކަނޑުމަހުގެ 400 ބާވަތަކުން ޑިއުޓީ މައާފު ކުރުން ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭން ރީ-އެކްސްޕޯޓް ކުރުމަށްވެސް ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. ބައެއް ބާވަތްތައް ރާއްޖެ އެތެރެކޮށް ރާއްޖޭގައި ބަންދުކޮށްގެން ޗައިނާގެ ބާޒާރަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވެސް ވިޔަފާރިވެރިންނަށް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސަޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރާ ދިވެހި ވިޔަފާރިވެރިންނަށް ޗައިނާ ކަސްޓަމަސްގެ ތެރެއިން ފަސޭހަ ލިބިގެންދާނެ ކަމަށެވެ.
ހޮންކޮންގަށް ވަޑައިގެން ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިކޮނޮމިކް މިިނިސްޓަރު ސައީދުގެ އިތުރުން ކޮމިނިޝަނަރު ޖެނެރަލްސް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފު މުހައްމަދު އެވެ.