ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މަރުވެ ކުނިވިއިރުވެސް ހަދާނެގޮތް ހުސްވެފައި!

ލަކްޝްމަން ތިވާރީ އަކީ އިންޑިޔާގެ ދިއްލީގެ ބުރާރީގައި ދިރިއުޅޭ މީހެކެވެ. އެޕްރީލް 26، 2021 އަކީ ލަކްޝްމަންގެ ހަނދާނުން ދުވަހަކުވެސް ފޮހެލެވޭނެ ދުވަހެއް ނޫނެވެ. އެ ދުވަސް އޭނާގެ ހަޔާތުގެ އެންމެ ކަޅު ދުވަހަށް ވީ އެ ދުވަހަކީ އޭނާގެ މައިންބަފައިން މި ދުނިޔެ ދޫކުރި ދުވަހަށް ހަމައެކަނި ވާތީއެއް ނޫނެވެ. އެ ދުވަހު ޚުދް އޭނާއަށް ވެސް ހުރީ ކޮވިޑް ޖެހިފަ އެވެ. އަދި އޭނާގެ އަންހެނުން ވެސް އޮތީ އެ ވައިރަސް އަރައި ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި މަރުވެފައިވާ މައިންބަފައިން އަންދާލެވޭނެ ގޮތެއް ނެތި އޭނާގެ ލޯ ކުރިމަތީގައި އެ ދެ މީހުންގެ މަސްގަނޑު ކުނިވާން 20 ގަޑިއިރު އޮތް ދުވަހަށް ވެސް އެ ދުވަސް ވާތީ އެވެ.
ކާފަ އާއި މާމަ މަރުވެ އެމީހުންގެ މަސްގަނޑު ކުނިވަމުން ދިޔަ މަންޒަރު އެންމެ ރީތިކޮށް ފެނިފައިވަނީ ލަކްޝްމަންގެ ހަތަރު އަހަރުގެ ދަރިފުޅަށެވެ.

ލަކްޝްމަން އާއި އާއިލާގެ އެންމެންނަށް ކޮވިޑް ލައްވާލީ އެއްފަހަރާ އެވެ. އޭނާގެ އަންހެނުން 15 ދުވަސް ވަންދެން ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަން އޮތެވެ. ދުވަސްވީ މައިންބަފައިން އެ ބަލީގައި ހާލު ބޮޑުވިއިރު ވެސް އެމީހުންނަށް އަޅާލެވޭނެ ގޮތެއް ލަކްޝްމަން އަކަށް ނުފެނުނެވެ. އަވަށްޓެރިންނާއި ނުދަންނަ މީހުންގެ ކިބައިން ވެސް އޭނާ ރޮއިރޮއިފައި މައިންބަފައިންނަށް އެހީތެރިވެދިނުމަށް އެދުނެވެ. ނަމަވެސް ބަލި ޖެހިދާނެތީ ބިރުން އެއްވެސް މީހަކު އެމީހުންނަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދިނުމެވެ. އެންމެ ފަހުން ކޮވިޑްގައި ހާލަތު ގޯސްވެ އެ ދެ މީހުން މަރުވީ އެވެ. އެ ހިސާބުން ދެން ލަކްޝްމަން އަށް ކުރިމަތިވީ އިތުރު ހިތާމަ ތަކެކެވެ.

މައިންބަފައިންގެ މަރުވެ ކުނިވަމުންދިޔަ މަސްގަނޑަށް ބަލަހައްޓައިގެން އިންނަން ޖެހުމެވެ. އެ މަސްގަނޑު ގަބުރު އަންދާ ތަނަކަށް ގެންދަން ވެސް އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ނުވެގެންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިވުމުން ލަކްޝްމަން އާއި އާއިލާ ތިބީ ހޯމް ކަރަންޓީނުގަ އެވެ. އަނބިމީހާ ފިޔަވަ އެވެ. އަނބިމީހާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. މިހެން ތިއްބާ ކުއްލިއަކަށް މަންމަގެ ހާލު ބޮޑުވާން ފެށީ އެވެ. މަންމަޔަށް ގުޅާފައި ހުރި އޮކްސިޖަން ސިލިންޑަރު ހުސްވެގެން ނޭވާ ނުލެވިގެން މަންމަ ތެޅެމުންދިޔަ މަންޒަރު ލަކްޝްމަން ބަލަން ހުރީ އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ހާލުގަ އެވެ.

މަންމައަށް ނޭވާ ލެވޭތޯ އޭނާއަށް ކުރެވުނުހާ ކަމެއް ކުރަމުން ދަނިކޮށް ގަޑިއެއްހާއިރު ތެރޭ މަންމަގެ ފުރާނަ ދިޔައީ އެވެ. މަންމަ މަރުވުމުގެ ހިތާމައަށް މާ ގިނަ ގަޑިތަކެއް ނުވެ ބައްޕަ ވެސް އޮކްސިޖަން ނުލިބިގެން ތެޅެން ފެށި އެވެ. ބައްޕަ އަށް ނޭވާ ލެއްވޭތޯ އެ ގޮތް މިގޮތް ހަދަމުންދަނިކޮށް އޭނާގެ އަތްމައްޗަށް ބައްޕަ ވެސް މަރުވީ އެވެ.
ހަދާނެ ގޮތް ހުސްވެގެން ލަކްޝްމަން އާއި އޭނާގެ ކުޑަކުޑަ ދަރިފުޅު އެމީހުން އިންތިހާއަށް ލޯބިވީ ދެ މީހުންގެ ފުރާނަނެތް މަސްގަނޑަކަށް ބަލަހައްޓައިގެން ތިއްބެވެ.

ނަމަވެސް ގަޑިއެއްހާއިރު އެހެން އިނދެފައި ވަރަށް ހިތްވަރުކޮށްފައި ލަކްޝްމަން ތެދުވި އެވެ. އަދި އަވަށްޓެރިންނަށް ގުޅައި އޭނާއަށް އެހީތެރިވެދޭން އެދުނެވެ. ނަމަވެސް އެކަކުވެސް ލަކްޝްމަން އަށް އެހީތެރިވާން ނައެވެ. ނަމަވެސް ކޮންމެވެސް މީހަކު އިރްތިޒާ ގުރޭޝީ ކިޔާ 35 އަހަރުގެ މީހަކަށް ވަޓްސްއަޕް މެސެޖެއް ފޮނުވީ ކަމަށް ބެލެވެ އެވެ. ލަކްޝްމަންގެ އެހީތެރިކަމަށް އައީ އިރްތިޒާ އެވެ. އިރްތިޒާ އަކީ ކޮވިޑް ވޮލަންޓިއަރެކެވެ.

އިރްތިޒާ އައިސް ލަކްޝްމަން އަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ފެށި އެވެ.

އިރްތިޒާގެ އެހީއާއެކު ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ލަކްޝްމަން ދިޔަ އެވެ. އަދި އޭނާގެ މައިންބަފައިން އަންދާލަން ގެންދެވޭނެ ގޮތެއް އިންތިޒާމްކޮށްދިނުމަށް އެދުނެވެ. ނަމަވެސް އެތަނުން ވެސް އޭނާއަށް އެހީތެރިކަމެއް ނުދިނެވެ. އޭރު ފަތިހު 4 ޖަހައިފި އެވެ. މައިންބަފައިން މަރުވިތާ އެތައް ގަޑިއިރެއް ވެފައިވާތީ އެމީހުންގެ ހަށިގަނޑު ކުނިވެ ނުބައިވަސް ދުވަން އޭރު ވަނީ ފަށާފަ އެވެ.

ޕޮލިސް ސްޓޭޝަނުން އެހީތެރިވެ ނުދިނުމުން އިރްތިޒާ އަނެއްކާވެސް މަސައްކަތް ފެށި އެވެ. ހޮސްޕިޓަލްތަކަށް ގުޅައި އެމްބިއުލެންސެއް ހޯދުމަށާއި ލަކްޝްމަންގެ މައިންބަފައިންގެ ގަބުރުތައް އަންދާލެވޭނެ އިންތިޒާމު ހަމަޖެއްސޭތޯ އެވެ. ބަރާބަރު ހަތް ގަޑިއިރު އޭނާ ކެނޑިނޭޅި މަސައްކަތް ކުރިއިރު ވެސް އެއްވެސް ވަރެއްގެ ކާމިޔާބެއް ނުލިބުނެވެ.
ލަކްޝްމަން އަށް އެހީތެރިވާން އެ ވަގުތު މަދު މީހަކު އައެވެ. ނަމަވެސް އެމީހުންގެ ވެސް ޝަރުތުތައް ގިނަ އެވެ.

އެމީހުން ލަކްޝްމަންގެ މައިންބަފައިންގެ ގަބުރު އެމްބިއުލެންސަށް އަރުވަން އެހީއެއް ނުވާނެ އެވެ. އަދި އަންދާތަނަށް ގެންގޮސްފައި ވެސް އެތާ ބޭރުގައި ހަށިގަނޑު ބާއްވާފައި އެމީހުން އަންނާނީ ކަމަށާއި ގަބުރުތައް އެތެރެއަށް ވައްދަން އެހީތެރިނުވާނެކަމަށް އެމީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ތިން ވަނަ ޝަރުތެއް ވެސް އެމީހުން ހުށަހެޅި އެވެ. މީހަކަށް 25،000 ރުޕީސް ދިނުމުގެ ޝަރުތެވެ.

ފައިސާގެ ދަތިކަން އިންތިހާއަށް އޮތް ލަކްޝްމަންގެ އާއިލާއަށް މިއީ އެއްގޮތަކަށް ވެސް އެއްބަސް ވެވޭ ވަރުގެ ޝަރުތުތަކެއް ނޫނެވެ.

އިރްތިޒާ އާއި ލަކްޝްމަންގެ މަސައްކަތުން އެމްބިއުލެންސެއް ހޯދާ ލަކްޝްމަންގެ މައިންބަފައިންގެ މަރުވެފައިވާ މަސްގަނޑު އަންދާ ތަނަކަށް ގެންދެވުނުއިރު އެ ދެ މީހުން މަރުވެފައި އޮންނަތާ 22 ގަޑިއިރު ވެއްޖެ އެވެ. އޭރު މަސްގަނޑު ކުނިވެގެން މުޅި ތަނުގައި ހުރީ ނުބައިވަސް ހިފާފަ އެވެ.

މިއީ ހަމަ ގައިމުވެސް ލަކްޝްމަންގެ ހަތަރު އަހަރުގެ ދަރިފުޅަށް ވަރަށް ފުން އަސަރުތަކެއް ކުރާނެ ތަޖުރިބާއަކަށް ވާނެ އެވެ. އޭނާގެ ލޯބިވާ މާމަ އާއި ކާފަ އޭނާގެ ލޯ ކުރިމަތީގައި މަރަށް ތެޅި ތެޅި މަރުވި މަންޒަރާއި އޭގެ ފަހުން ވެސް އެ ދެ މީހުންގެ މަސްގަނޑު ކުނިވަމުންދިޔައިރުވެސް އެ ގެންދަން ވެސް އެހީތެރިކަމެއް ނުލިބިގެން އޭނާގެ ބައްޕަ މީހުންނަށް އާދޭސްކޮށް ރޮއި ހޭރެމުން ދުވި މަންޒަރު ފެނުނީ މި ކުޑަކުޑަ ކުއްޖާފުޅަށެވެ.