ކޮވިޑް-19 އިގެ އާލަމީ ވަބާ ފެށުނީއްސުރެ ދުނިޔޭގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔައީ މި ބަލިން ދިފާއު ވެވޭ ފަދަ ވެކްސިން އަކަށެވެ. މި އިންތިޒާރަށް ނިމުން އައިސް ބަލިން މުޅީން ދިފާއު ނުވެވުނަސް ބޮޑުވެވުމާއި މަރުން ސަލާމަތްވުމުގެ ފުރުސަތު ބޮޑު ވަރަށް ގިނަ ވެކްސިންތަކެއް މިހާރު އީޖާދުކޮށް ދުނިޔޭގެ ބާޒާރަށް ނެރެ މީހުންގެ ގަޔަށް ދަނީ ޖަހަމުންނެވެ.
ނަމަވެސް ވެކްސިން އާ ދެކޮޅަށް ފެތުރެމުންދިޔަ ތަފާތު ބިރުވެރި ވާހަކަތަކުގެ ސަބަބުން ވެކްސިން ޖެހުމާ މުޅިން ދެކޮޅު ހަދާ މީހުން އަދިވެސް މަދެއް ނޫނެވެ. ހާއްސަކޮށް އެމެރިކާ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެކްސިން އާ ކަނޑައެޅިގެން ދެކޮޅު އެތައް މިލިއަން ބަޔަކު ދިރި އުޅޭކަން މިއީ ވަރަށް ބޮޑު ހަގީގަތެކެވެ.
އެމެރިކާގައި ބޮޑަށް ވެކްސިން އާ ދެކޮޅީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ މީހުންނެވެ. އެ ގައުމުގައި ވެކްސިން ވަނީ ވަރަށް ބޮޑަށް ސިޔާސީ ވެފައޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެ އެވެ.
ވެކްސިން ގަންނަން ލިބެން ފެށީއްސުރެ ވެކްސިން އުފައްދާ ކުންފުނިތަކަށް އެމެރިކާއިން ދަނީ ފައިސާ އޮއްސަމުންނެވެ. އަދި އެ ގައުމުގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ފުދޭވަރަށް ވުރެ މާ ގިނައިން އެމެރިކާއިން ވެކްސިން ހޯދާފައި ވެސް ވެއެވެ. މި ކަން މިހެން އޮތަސް އެމެރިކާ ވެފައިވަނީ ކޮވިޑް-19 ގައި އެންމެ ގިނަ މީހުން މަރުވި ގައުމަށެވެ. އަދި ވެކްސިން ލިބެން ހުރެމެ އެ ޖަހަން ބޭނުންނުވާ މީހުން އެންމެ ގިނަ ގައުމަށް ވެސް މެއެވެ.
މިހާރު ކޮވިޑް-19 އިގެ ވަރަށް ނުރައްކާ ވައްތަރެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް ވަރަށް ބާރަށް އެމެރިކާގައި ފެތުރެމުންދާއިރު ވެކްސިން ޖެހުމާ ދެކޮޅު މީހުން ދެ ވަނަ ވިސްނުމަކަށް ދޭތޯ އެމެރިކާ ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި ވެކްސިން ނުޖަހާނަމޭ ކިޔާފައި ތިބި ގިނަ އަދަދެއްގެ މީހުންނަށް ބަލިޖެހި ފުރާނަ ދާ ހިސާބަށް ދިއުމުން ވެކްސިން ނުޖެހުނީތީ އެމީހުން ހިތާމަކޮށް ދައްކާފައިވާ ވާހަކަތައް ވެސް މިހާރު ވަރަށް ގިނައިން އިވެމުން ދެއެވެ. މިފަދަ މީހުން މަރުގެ ތުންފަތްމަތީގައި ތިބެ ވެކްސިން ދޭން ޑޮކްޓަރުންނަށް ރޮމުން އާދޭސް ކުރާ ކަމަށް ވެއެވެ. ނަމަވެސް އެމީހުންނަށް ވެކްސިން ދޭންޖެހޭ ވަގުތު ފާއިތުވެފައިވާކަން ޚުދް އެމީހުންނަށް ވިސްނެ އެވެ.
މިފަދަ އެއް އާއިލާއަކީ އަލްބާމާގައި ދިރިއުޅުނު ކާޓް ކާޕެންޓާ ކިޔާ 28 އަހަރުގެ ޒުވާން ފިރިހެނެއްގެ އާއިލާއެވެ. އާއިލާގެ ހުރި އެންމެ ފިރިހެން ދަރި މަރުވުމުގެ ހިތާމަ އެ އާއިލާއިން ކުރަމުންދާއިރު އެމީހުން ބުނަނީ ވެކްސިންއާ ގުޅޭ ގޮތުން އެމީހުންނަށް ލިބިފައިހުރީ މުޅިން ވެސް ދޮގު މައުލޫމާތެވެ. އެހެންވެ އެމީހުން ގަބޫލުކުރީ ވެކްސިން އަކީ ފޭކް އެއްޗެއްގެ ގޮތުގަ އެވެ. މިދިޔަ މާޗް މަހު އެ މީހުންގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ހަމައަށެވެ.
"ކާޓް ވެސް ހީކުރީ ކޮވިޑް ވެކްސިނަކީ ބޮޑު އޮޅުވާލުމެކޭ. ދޮގެކޭ. އެހެންވެ ވެކްސިން އާ މެދު އޭނާ ސީރިއަސް އެއް ނޫން. އެއް ދުވަހަކު އޭނާގެ ހަށިގަނޑުން އޮކްސިޖަން މަދުވެ ނޭވާ ނުލެވިގެން އުޅެން ޖެހުމުން އޭނާއަށް ވެކްސިންގެ މުހިއްމުކަން ވިސްނުނީ. ނަމަވެސް ހަމަ އެދުވަހު އޭނާ ވެންޓިލޭޓަރަށް ލީ،" ކާޓްގެ މަންމަ ކްރިސްޓީ ބުންޏެވެ.
ކްރިސްޓީ ބުނި ގޮތުގައި ކާޓް ވަނީ ވަރަށް ގަދަފަދަ ވޭންތަކެއް އެތައް ދުވަހެއް ވަންދެން ތަހައްމަލު ކޮށްފަ އެވެ. މަރާ ހަނގުރާމަކުރާތާ ބަރާބަރު 51 ދުވަސް ފަހުން އެތެރެހަށީގެ ގުނަވަންތައް ފޭލްވެގެން އޭނާ މަރުވީ މޭ 5ގައި ކަމަށް ވެސް ކްރިސްޓީ ބުންޏެވެ. މިހާރު އެމަންމައަށް ވެސް ވެކްސިން އަކީ މުހިއްމު އެއްޗެއްކަން ގަބޫލު ކުރެވެ އެވެ. ނަމަވެސް ވަގުތު ފާއިތުވީ ފަހުންނެވެ.
ކްރިސްޓީ ބުނި ގޮތުގައި އެމީހުންގެ މިހާރުގެ މަސައްކަތަކީ ވެކްސިން ޖެހުމަށް މީހުން ހޭލުންތެރި ކުރުވުމެވެ. ކާޓް ދުނިޔޭގައި ހުރިނަމަ އޭނާވެސް އެ މަސައްކަތް ކުރީސް ކަމަށް ކްރިސްޓީ ގަބޫލު ކުރެ އެވެ.
އެމެރިކާގެ ގިނަ ޑޮކްޓަރުން ވެސް މިހާރު ދަނީ އެމީހުން ފަރުވާ ދެމުންދާ ކޮވިޑް-19 ޖެހޭ ބަލި މީހުންގެ މިފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ. ވެކްސިން ނުޖަހާނަމޭ ބުނާ މީހުންނަށް އެއްޗެއް ވިސްނޭތޯ އެވެ.
"އަހަރެން މިހާރު ގިނައިން އެޑްމިޓް މި ކުރަނީ ވަރަށް ހަށިގަނޑު ވަރުގަދަކޮށް ތިބޭ ޒުވާނުން. އެމީހުންނަށް ކޮވިޑް-19ގެ ވަރަށް ސީރިއަސް އިންފެކްޝަންތައް ކުރިމަތިވެފައިވޭ،" ބާމިންހަމް، އަލަބާމާ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ބްރީޓްނީ ކޯބިއާ އޭނާގެ ފޭސްބުކް ޕޭޖްގައި ޝެއާ ކުރި ޕޯސްޓެއްގައި ލިޔެފައި ވެއެވެ.
"މިފަދަ ޒުވާނުން ވެންޓިލޭޓަރަށް ލާން މަސައްކަތްކުރާ ގަޑީގައި އެމީހުން ރޮއި އާދޭސް ކުރޭ ވެކްސިން ޖަހާދޭށޭ ކިޔާފައި. އަހަރެން އެމީހުންގެ އަތުގައި ހިފާލައިގެން ހުރެ ބުނަން މައާފުކުރާށޭ، މިހާރު މާ ލަސްވެއްޖޭ ތި ކަމަށް،" ޑޮކްޓަރު ލިޔެފައި ވެއެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި ވެންޓިލޭޓަރަށް ލާ ގިނަ މީހުން މާ ގިނަ ދުވަސްތަކެއް ނުވެ މަރުވެގެން އާއިލާގެ މީހުންނަށް އެ ޚަބަރު ދޭން ވެސް ޖެހެނީ އޭނާ އަށެވެ. އެމީހުން އައިސް އަހަރެންގެ ގައިގައި ބައްދާފައި ރޮއި. އަހަރެން އެމީހުން ކައިރީ ބުނަނީ ރުއިމުގެ ބަދަލުގައި ދެން ވެސް އާއިލާގައި ތިބި ވެކްސިން ނުޖަހާ އެންމެންގެ ގަޔަށް ވެކްސިން ޖަހަން އަވަސް ވާށޭ. އެމީހުން ރޮއިރޮއިފައި އަހަރެން ކައިރީ ބުނޭ އެމީހުން ހީކުރީ ވެކްސިން އަކީ ބޮޑު ދޮގެއް ކަމަށޭ. ސިޔާސީ އެއްޗެއް ކަމަށޭ. އަދި ވަކި ކުލައެއް ހުރީމަ އަދި ވަކި ވައްތަރެއްގެ ލޭގެ ގްރޫޕެއް ހުރީމަ އަދި ޒުވާނުންނަށް ވީމަ ބަލި ނުޖެހޭ ކަމަށޭ ހީކުރީ،" ޑޮކްޓަރު ކޯބިއާގެ ޕޯސްޓުގައި ވެއެވެ.