މޫސުން

ދެކުނުގެ ހަތަރު އަތޮޅަށް މޫސުމީ އިންޒާރު

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ 3:30 ގެ ނިޔަލަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެެރެފައިވާ ކަމަށެވެ.

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އައްޑޫ ސިޓީގެ ގިނަ ރަށްތަކަށް ބޯކޮށްވާރޭވެހި މިހާރުވެސް ވަނީ ގެއްލުންތައްވެފައެވެ.

އެގޮތުން އިއްޔެ އާއި މިއަދު ވެސް އައްޑޫ ސިޓީގައި ފެންބޮޑުވެގެން ސިފައިން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

އައްޑޫސިޓީ ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫގެ މަގުތަކުގައި ފެންބޮޑުވެފައި ވާތީ މިހާރު ފެން ހިންދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ފުވައްމުލަކުގެ 120 ގެ އަކަށް ފެންވަދެ މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ޅ. ނައިފަރުގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ސިފައިން ވަނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ފަށާފަ އެވެ.

ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެ ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފަ އެވެ.

މެޓުން ބުނީ ރާއްޖެއަށް މިހާރު ކުރާ ވިއްސާރަ އަކީ ހުޅަނގު މޫސުން ފެށިގެން ކުރާ ވިއްސާރައެއް ކަމަށެވެ. ރާއްޖޭގައި މިހާރު ހިނގަމުން ދަނީ ހުޅަނގުގެ ކެތި ނަކަތެވެ. އެއީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތެވެ. އާއްމު ގޮތެއްގައި މި ނަކަތުގައި މޫސުން ގޯސްވެ ގަދަ ވިއްސާރަ ކުރެ އެވެ. ކެތި ނަކަތް ނިމޭނީ މި މަހު 19 ވަނަ ދުވަހު އެވެ.