ދުނިޔެ

ޣައްޒާގެ ހާލަތު: 103 މަރު، 27 ކުޑަކުދިންނާއި 11 އަންހެނުން ހިމެނޭ

އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވާ ކުޑަކުދިންނާއި އަންހެނުންގެ އަދަދު މަތިވެއްޖެ އެވެ.

ހަނގުރާމަމަތީ ބޯޓުފަހަރުން ވަކިތަނެއް ނުބަލައި ދެމުން ގެންދާ ހަމަލާތަކުގައި ޖުމްލަ 103 މީހުން މަރުވެ އެކިވަރުގެ އަނިޔާ ލިބުނު މީހުންގެ އަދަދު 580 އަށް އަރާފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދީ ސުންނާފަތި ކުރަމުން އެދަނީ މަސްޖިދުލް އަގްސާގައި ރަމަޟާން މަހު ތަރާވިސް ނަމާދަށް ތިބި ފަލަސްތީން އާންމުންނަށް ހަމަލާދީ ސަފުތައް ބުރުއްސާލުމާ ގުޅިގެން ހިނގައިދކުިޔަ ރިމަތިލުންތަކަށް ފަހު އެވެ. އަދި ޝެއިހް ޖައްރާހް އަވަށުން އާއިލާތައް ބޭރުކޮށް ފަލަސްތީން ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ އަނިޔާވެރި ކަމަށް ފަލަސްތީން މީހުން ދެކޮޅު ހަދައި ހުރަސްއެޅުމުންނެެވެ.

ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ސިނާއީ މަރުކަޒުތަކާއި އުސް އިމާރާތްތައް ވެސް އިޒްރޭލުން ވަނީ ބިމާހަމަކޮށްލާފަ އެވެ. ސުކޫލްތަކާއި އިޖުތިމާއީ މަރުކަޒުތަކަށް ވެސް އިޒްރޭލުން ވަނީ ހަމަމާދީ އިމާރާތްތައް ރޫޅާލާފަ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ޖަހަގައިގަތީ 1967 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލު ހަނގުރާމައިގަ އެވެ. އެއަށް ފަހު އިޒްރޭލުން ދަނީ ގުދުސްގައި ޔަހޫދީން ގެދޮރުވެރިކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިންތައް ވިއްކައި އިމާރާތްކުރަމުންނެވެ.