ދުނިޔެ

"ޣައްޒާ ހަމަލާތަކުގެ އަމާޒަކީ އަގްސާ މިސްކިތް އަތުލުން"

ޒަޔަނިސްޓު ޔަހޫދީން ފަލަސްތީންގެ ޣައްޒާއަށް އޮކްޓޯބަރު ހަތަކުން ފެށިގެން ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގެ އަސްލަކީ މަސްޖިދުލް އަޤްޞާ މިސްކިތުގެ ފުރިހަމަ ކޮންޓޯލް ނެގުން ކަމަށް ފަލަސްތީންގެ ޚާރިޖީ ވުޒާރާއިން ބުނެފި އެވެ.

ޔަހޫދީން ފޭރިގެންފައި އޮތް އިރުމަތީ ގުދުސްގައި މިހާރަށް ވުރެ ޒަޔަނިސްޓުންގެ ބާރުގަދަކޮށް އިސްތިއުމާރީ ބާރުތަކުން މުޅި ސަރަހައްދު ކޮންޓްރޯލް ކުރުމަށްޓަކައި ޣައްޒާއިން މީހުން ބޭރުކުރަނީ ކަމަށް ވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެ އެވެ.

އަޤްޞާ މިސްކިތް މުޅިން ފޭރިގަނެ އިސްލާމްދީންގެ ސިފަތަކާއި ކުލަތައް ފޮހެލުމަށް ފަހު އެ އެ އިމާރާތުގައި ޒަޔަނިސްޓުންގެ ސިފަތަކާއި ސިއްކަ ޖެހުމަކީ ވެސް ޔަހޫދީންގެ ނުބައި ވިސްނުމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އަޤްޞާ މިސްކިތަށް ނަމާދަށް އެރުމާއި ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީންގެ ނޫސްވެރިން މެރުމަކީ ވެސް ޔަހޫދީންގެ މަސައްކަތްތައް ފަސޭހަކުރުމަށް ކުރާ ކަމެއް ކަމަށް ވެސް ފަލަސްތީންގެ ޚާރިޖީ ވުޒާރާއިން ގަބޫލުކުރެ އެވެ.

އިރުމަތީ ގުދުސްއަށް ފަލަސްތީން މީހުން ވަނުން މުޅިން މަނާކޮށް -- ޣައްޒާގައި ވަނުން މަނާ ސަރަހައްދެއް ގާއިމުކުރުމުގައި ވެސް ޔަހޫދީންގެ އޮތީ އެއް އަމާޒެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އޮކްޓޯބަރު ހަތަކުން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ފަލަސްތީންގެ ޚާރިޖީ ވުޒާރައިން ނެރުނު ބަޔާނުގައި ވަނީ ފަލަސްތީންގެ ބިންތައް އިސްތިއުމާރުކުރަން ޔަހޫދީން ކުރާ މަސައްކަތްތައް ހުއްޓުވައި ދިނުމަށް ދުނިޔެއަށް ގޮވާލާފަ އެވެ.

އަޤްޞާ މިސްކިތަށް ނިސްބަތްވާ ބޮޑު ސަރަހައްދެއް މިހާރު ވެސް އޮތީ ޔަހޫދީންގެ ބެލުމުގެ ދަށުގަ އެވެ.

ހުކުރު ދުވަހު ހުކުރަށް ދިޔަ ފަލަސްތީން މީހުންނަށް ހަމަލާދިނުމަށް ޔަހޫދީ އަސްކަރީ ޚާއްސަ ފައުޖުތަކެއް އެ ހިސާބުގައި ރުކުރުވާލާފައި އޮތް ކަަމަށް ޚަބަރުތައް ބުނެ އެވެ.

އަދި މިސްކިތަށް ވަންނަން މަސައްކަތްކުރި ފަލަސްތީންގެ އާންމުނަށް ޒަޔަނިސްޓު އަސްކަރީ ފައުޖުތަކުން ހަމަލާދިން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ނަމާދަށް ދިޔަ މީހުންނަށް ކަރުނަ ގޭހުން ހަމަލާދީ ޒަޔަނިސްޓުން "ސައުންޑް ބޮން" އުކި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

ޒަޔަނިސްޓުންނާ ކުރިމަތިލުމުގެ ބާރު ގައިގައި ހުރި ކަމަށް ފެންނަ އެކަކުވެސް މިސްކިތަށް ނުވައްދާ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ. އެކަމަކު ދުވަސްވެ ގައިބާރު ނެތް މީހުން މިސްކިތަށް ވަނުން މަނާނުކުރާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.