ދުނިޔެ

ބެންގަވީރު ބޭނުންވަނީ އަގުސާ މިސްކިތު ގޯތިތެރޭގައި ޔަހޫދީންނަށް ފައްޅިއަޅަން

އިޒުރޭލުގެ ބޯގުޑި ވަޒީރު އިތަމާރު ބެންގަވީރު ވިދާޅުވި ގޮތުގައި އޭނާ މިހާރު އެންމެ ކުރާހިތްވާ ކަމަކީ މަސްޖިދުލް އަގްސާ މިސްކިތު ގޯތިތެރޭގައި ޔަހޫދީންނަށް ފައްޅިއެއް އެޅުމެވެ.

އިތަމާރު ބެންގަވީރަކީ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ގައުމީ ސަލާމަތާ ބެހޭ ވަޒީރެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރުވެސް ހުންނެވީ ބޮލުރޮދި ކެނޑިފަ އެވެ.

ނަތަންޔާހޫގެ ކެބިނެޓުގައި މިކަހަލަ އެހެން ވަޒީރަކު ވެސް ހުންނަވަ އެވެ. އެއީ މާލީ ވަޒީރު ބެޒަލްއެލް ސްމޮތުރިޗް އެވެ. މިއީ ވެސް މުސްލިމުން ރުޅިއަރުވައި ޣައްޒާއަށް ނިއުކްލިއާ ބޮން އަޅަން ގޮވާލައްވާ ވަޒީރެކެވެ.

ފަލަސްތީނަކީ ތާރީޚެއް ސަގާފަތެއް އޮތް ތަނެއް ނޫން ކަމަށާއި ފަލަސްތީން މީހުންނޭ ކިޔާ ބަޔަކު އުޅޭކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެ ސްމޮތުރިޗް ކުރިން ވާހަކަދެއްކެވި އެވެ.

ބެންގަވީރު ވިދާޅުވި ގޮތުގައި، އަގުސާ މިސްކިތުގައި ފައްޅިއެއް އެޅުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނަމަ މިހާރު އޮންނާނީ އެކަން ކޮށްފަ އެވެ. އޭނާ އަކީ ޔަހޫދީ ދައުލަތުގެ މައްޗަށް އެހާ ބޮޑު ބާރެެއް އޮތް ވަޒީރެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މި ހަބަރު އިވިވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޯފާއިސްކުރައްވައި ވިދާޅުވީ އަގުސާ މިސްކިތުގައި ޔަހޫދީން ނަމާދުކުރުން ޒަމާނުއްސުރެ މަނާކޮށްފައި އޮތް އޮތުމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ ބަސްތައް ވިދާޅުނުވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އިޒުރޭލުގެ އަސްކަރީ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ބެންގަވީރު ވިދާޅުވީ ހިތުހުރިހައި ކަމެއް ކުރެއްވޭނަމަ އަގުސާގެ ހަރަމުގައި ޔަހޫދީންނަށް ފައްޅިއެއް އަޅުއްވާނެ ކަމަށެވެ. އަދި އަގުސާގައި މުސްލިމުން ނަމާދުކުރުން މަނާކޮށްފިނަމަ އޭނާ އަވަހާރަކޮށްލާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ޔަހޫދީންގެ އަޅުކަމުގެ މައިދާނަށް "ވެސްޓާން ވޯލް" އަށް މުސްލިމަކު މުސައްލައެއް ހިފައިގެން އަތުވެއްޖެނަމަ ހުރަސް ނާޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ މިފަދައިން އަގުސާ މިސްކިތަށް ޔަހޫދީން ވަނުމަށް ފުރުސަތު އޮންނަންވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވެސްޓާން ވޯލް އަކީ ޔަހޫދީންނަށް މުގައްދަސް ބިނާއެއް ނަމަވެސް މުސްލިމުންގެ ކުރިމަތީގައި އެއީ އެއްވެސް އަގެއް ހުރި ތަނެއް ނޫން ކަމަށްވެސް އިތަމާރު ބެންގަވީރު ވިދާޅުވި އެވެ.