ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެން ހުންނަވާ އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅުއްވާ ވަނިކޮށް ހަމަލާ ދިނުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާ މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިވެހި އަސްކަރިއްޔާގައިވެސް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އުމަރު މިހެން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެ މައުލޫމާތު ރައީސް މުހައްމަދު ނަޝީދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ހިއްސާ ކުރެއްވި ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވުމާއި ގުޅިގެންނެވެ.
އެކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ މިނިސްޓަރު މާރިޔާ އަށް މައުލޫމާތު ލިބި އެ ކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވާ ރައީސް ނަޝީދަށް ހަމަލާ އެއް ދެވުނު ކަމީ މިނިސްޓަރު ގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އަދި މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ފަދަ ސީރިއަސް އިހުމާލު ތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށެވެ.
"ތިން މިލިއަން ޑޮލަރު ހުށަހަޅައިގެން މި ފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މައުލޫމާތު މަޖްލިސްގެ މެންބަރަކު މިނިސްޓަރު މާރިޔާ އަށް ފޯރުކޮށް ދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރު މާރިޔާގެ ގާނޫނީ ޒިންމާ އެއް. އިސްތިއުފާ ދެއްވާ،" އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
މެއި ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ މައުލޫމާތު އިލްޔާސް ލަބީބަށް ކުރީން އެނގިފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދިނުމުގެ ގޮތުން އިލްޔާސް ލަބީބް މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެ މައުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު އޮފް ޑިފެންސް އާ ގުޅާ ނަޝީދުގެ އިރުޝާދާއެކު އެ މައުލޫމާތު މިނިސްޓަރު މާރިޔާއަށް އަރުވަނީ ކަމަށް ދަންނަވައި ލިބިފައި ހުރި މައުލޫމާތުގެ ތަފްސީލް ހިއްސާ ކުރެއްވި ކަމަށެވެ.
"ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށްވާތީ އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާ ކުރުމުން އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސްއަށް ހިއްސާ ކުރުމަށް އަޅުގަނޑަށް އެ ފަރާތުން އެއްވެސް ހާލަތެއްގައި އަންގާފައެއް ނުވެއެވެ،" އިލްޔާސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އިލްޔާސް މިހެން ވިދާޅުވީ އޭނާ އެ މައުލޫމާތު ހިއްސާ ކުރެއްވުމުން އެކަން ކޮމިޝަނަރު އޮފް ޕޮލިސްގެ ސަމާލު ކަމަށް ގެނައުމަށް އިލްޔާސް އަރިހު ދެންނެވި ކަމަށް ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ކަަމަށް ރިޕޯޓް ކޮށްފައިވާތީއެވެ.
އިލްޔާސް ވިދާޅުވީ ނަޝީދަށް ހަމަލާދިން މައްސަލާގެ ތަހުގީގަށް އޭނާގެ ފަރާތުން ދޭންޖެހޭ މައުލޫމާތާއި އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.