ރާއްޖެއިން އިތުރު 1،467 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 42،775 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1267 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 182 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 18 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކުގެ ތެރޭގައި މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތައްވެސް ހިމެނެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 939 ސާމްޕަލެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،003 މީހުންނެވެ. މިހާތަނަށް 27،672 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 290 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 91 މީހަކު މަރުވެފައިވެއެވެ. މިއަދުވެސް ހަތަރު މީހަކު މަރުވިިއެވެ. ކޮވިޑްގައި މިއަހަރުގެ މިހާތަނަށް 40 މީހަކު ވަނީ މަރުވެފައެވެ.
ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް
- މެއި 7 - 766 މީހަކު ޕޮޒިޓިވް
- މެއި 8 - 509 މީހަކު ޕޮޒިޓިވް
- މެއި 9 - 1091 މީހަކު ޕޮޒިޓިވް
- މެއި 10 - 1204 މީހަކު ޕޮޒިޓިވް
- މެއި 11 - 1501 މީހަކު ޕޮޒިޓިވް
- މެއި 12 - 1572 މީހަކު ޕޮޒިޓިވް
- މެއި 13 - 1216 މީހަކު ޕޮޒިޓިވް
ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.
އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.
އަދި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.