މޫސުން

އުތުރަށް އޮރެންޖް، ދެކުނަށް ލެޔޯ އެލާޓް

ރާއްޖޭގެ މޫސުން ގޯސްވެ އުތުރު އަތޮޅުތަކަށް އޮރެންޖް އެލާޓް އަދި ދެކުނު އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ ހއ އަތޮޅުން ބ އަތޮޅަށް އޮރެންޖް އެލާޓް ނެރެފައިވާ ކަމަށެވެ. އެލާޓް ނެރެފައިވަނީ މެންދަމު 2:30 ގެ ނިޔަލަަށެވެ.

މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ ރާޅު އަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ދެކުނުގެ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެއީ ކުރިއަށް އޮތް ތިން ގަޑިއިރަށް ނެރެފައި އޮތް އެލާޓެކެވެ.

މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ ރާޅު އަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މިދިޔަ ސައުވީސް ގަޑިއިރަކީވެސް މޫސުން ވަރަށް ގޯސް ވަގުތުތަކެކެވެ. އުތުރުގެ ވަރަށް ގިނަ ރަށްތަކަކަށް އުދައަރާ ގެއްލުންތައް ވަނީ ވެފައެވެ. އަދި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ. ވައިގަދަވުމުގެ ސަބަބުން ގަސްތައް ވެއްޓި ދަނޑުތަކާއި ރުއްގަހަށް ގެއްލުންވެފައިވެއެވެ. ދެކުނުގެ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.

ސިފައިންނާއި ފުލުހުން ގެންދަނީ ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ގޭގޭގެ ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގަމުންދާތީ ގެއްލުންވާ ގެތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.