ދުނިޔެ

ފަލަސްތީންގައި އިޒްރޭލުން ހިންގަނީ ގަތުލުއާންމެއް: ޕާކިސްތާން

ޔަހޫދީ އިޒްރޭލުގެ ގޮތެއްނެތް އަމަލުތަކުގެ ސަބަބުން ފަލަސްތީނުގައި މިހާރު އުފެދިފައި އެއޮތް ހާލަތަކީ އަރައިރުމެއް، ހަމަނުޖެހުމެއް ކަމަށް ނުބުނެވޭނެ ކަމަށާއި އިޒްރޭލުން ހިންގަނީ ގަތުލުއާންމެއް ކަމަށް ޕާކިސްތާންގެ ހިއުމަން ރައިޓްސް މިނިސްޓަރު، ޝީރީން މަޒާރީ ވިދާޅުވެއްޖެ އެވެ.

އެ ވަޒީރު މިހެން ވިދާޅުވީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ފަލަސްތީންގެ ހާލަތު ސިފަ ކުރައްވައި އެއީ ހަމަނުޖެހުމެއް ކަމަށް ވިދާޅުވުމުންނެވެ.

"އަދަބުވެރި ކަމާއެކު މި ދަންނަވަނީ، ފަލަސްތީންގައި އިސްތިއުމާރީ ބާރަކުން އެ ހިންގަނީ ގަތުލުއާންމެއް،" ޝީރީން ވިދާޅުވި އެވެ. "އދ. ގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި މިހާރަށް ވުރެ ޒިންމާދާރު ވާން މިއޮތީ ޖެހިފައި،"

އެ ވަޒީރު ވިދާޅުވީ ފަލަސްތީންގެ އާންމުން ހިމާޔަތް ކުރުމަކީ އދ. ގެ ޒިންމާއެއް ކަމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިޒްރޭލަށާއި ފަަލަސްތީނަށް ގޮވާލައްވާފައި ވަނީ އިތުރު ހަމަނުޖެހުންތަކަށް ފުރުސަތު ނުދިނުމަށާއި ޒިންމާދާރު ވުމަށެވެ.

"ހަމަނުޖެހުންތައް ހުއްޓާލައި ހާލަތު އިތުރަށް ގޯސްވާން ފުރުސަތު ނުދިނުމަށް އިޒްރޭލަށާއި ގާޒާއަށް ގޮވާލަން،" ގުޓަރޭޒް ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ކުށެއް ނެތް ކިތަންމެ ބަޔަކު މިހާރު ވެސް މަރުވެއްޖެ ކަމަށާއި ހަމަނުޖެހުންތަކުގެ ސަބަބުން ހައްދުފަހަނަ އެޅުމާއި ތަފާތު ކުރުން މުޅި ސަރަހައްދަށް ފެތުރިދާނެ ކަމަށެވެ.

އިޒްރޭލުގެ އިސްތިއުމާރީ ނުފޫޒުން ފަލަސްތީނުގެ މުޅި ގާޒާ ބަންދުކޮށް ވަޔާއި އެއްގަމުން ދެމުން ގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 136 އަށް ވުރެ އިތުރުވެފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. މަރުވި މީހުންގެ ތެރޭގައި 38 ކުދިންނާއި 22 އަންހެނުން ހިމެނެ އެވެ. އެކިވަރުގެ އަނިޔާ 1000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައި ވެއެވެ.

ގާޒާއާ ހަމައަށް ހަމަނުޖެހުންތައް ފޯރާފައި ވަނީ މަސްޖިދުލް އަގްސާގައި ނަމާދަށް ތިބި ފަލަސްތީނުގެ އާންމުންނަށް އިޒްރޭލުން ހަމަލާ ދިނުމުން ހިނގި ކުރިމަތިލުންތަކަށް ފަހު އެވެ. އަދި އޭގެ ފަހުން ޝެއިހް ޖައްރާހް އަވަށުން ފަލަސްތީން ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ އަނިޔާވެރި ކަމަށް ފަލަސްތީން މީހުން ދެކޮޅުހަދާފައި ވަނިކޮށެވެ.