ފަލަސްތީންގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ އެޖެންސީ – ޣައްޒާގައި ހުންނަ އަންރާގެ މައި މަރުކަޒުގައި ހަމާސްގެ ބިންގަރާހެއް ހުންނަކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އެ އިދާރާގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒާރިނީ ވިދާޅުވެއްޖެ އެވެ.
އިޒުރޭލުން އެ ބުނާ ބިންގަރާހެއް އަންރާގެ ހެޑްކުއާޓަރާ ބެހޭ ގޮތުން އެއްޗެއް ދަންނަވަން އެނގިވަޑައިގަންނަވާނީ އެކަމާ ބެހޭ ގޮތުން މައުލޫމާތު ލިބިވަޑައިގެންފައި ހުރި ނަމަ ކަމަށްވެސް ކޮމިޝަނާ ޖެނެރަލް ވިދާޅުވި އެވެ.
އިޒުރޭލުން ބުނާ ގޮތުން އަންރާގެ ހެޑްކުއާޓަރަކީ ހަމާސްގެ އަސްކަރީ މަރުކަޒެކެވެ. އަދި އެ އިމާރާތުގައި ބިންގަރާސް ހަދައި، ބިމު އަޑިން އެކި ދިމަދިމާއަށް ކޮނެ ޖާގަހަދާފައި ހުރި ކަމަށް ޔަހޫދީން ބުނެ އެވެ.
އަންރާގެ ކޮމިޝަނާ ޖެނެރަލް ވިދާޅުވި ގޮތުން އޮކްޓޯބަރު 12 ގައި އިޒުރޭލުން ތަން ހުސްކުރަން ދިން އިންޒާރާ އެކު – އެ އޮފީހުގައި މަސައްކަތްކުރާ ހުރިހާ މީހުން ވަނީ އިމާރާތުން ނިކުމެފަ އެވެ.
އެ ތާރީހަށްފަހު އެ އިދާރާގެ އެކަކުވެސް އޭނާއަށް އެނގިގެން އަންރާގެ މައި އިދާރާއާށް ގޮސްފައި ނުވާ ކަމަށް ފިލިޕް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒުރޭލުގެ ދިފާއީ ބާރުތަކުން އެކި އިދާރާތަކަށް އެކަން އެންގި ނަމަވެސް، އޭނާއަށް އަދިވެސް ހަބަރުކޮށްފައި ނުވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީ އަސްކަރިއްޔާއިން އަންރާގެ މައި މަރުކަޒަށް ވަދެ ހޯދި ހޯދުމުން ބިންގަރާހެއް ވަނީ ފެނިފަ އެވެ. އެއީ ހަމާސްގެ ހަނގުރާމަވެރިން ރައްކާތެރިވުމަށާއި ހަތިޔާރު ރައްކާކުރުމަށް ބޭނުންކުރާ ބިންގަރާހެއް ކަމަށް ޒަޔަނިސްޓުން ބުނެ އެވެ.
ހަބަރުތައް ބުނާ ގޮތުން އިޒުރޭލުން މިހާރު ވަނީ އަންރާގެ ވެރިން ޣައްޒާއިން ފައިބައި، މަގާމުން އިސްތިއުފާ ދެއްވުމަށް ބާރުއެޅުމަށް އދ އަށް އަންގާފަ އެވެ. އދ ފަދަ ބައިނަލްއަގްވާމީ ޖަމާއަތެއްގައި ޓެރަރިސްޓުންނަށް ވާގިވެރިވާ މީހުން ތިބެގެން ނުވާނެ ކަމަށް ޔަހޫދީން ބުނެ އެވެ.
އަންރާއާ ބެހޭ ގޮތުން އިޒުރޭލުން މީގެ ކުރިންވެސް ވަނީ ޝަކުވާކޮށްފަ އެވެ.
އިޒުރޭލުން ތުހުމަތުކުރާ ގޮތުން އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދިތަކަށް ދިން ހަމަލާތަކުގައި އަންރާގެ މުވައްޒަފުން ބައިވެެރިވި އެވެ. މި ޝަކުވާއާއި ގުޅިގެން އަންރާއިން ވަނީ ޝައްކުކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ.
އިޒުރޭލުން ކުރި މި ތުހުމަތާ ގުޅިގެން އިނގިރޭސިވިލާތް، ޖަރުމަން، ކެނެޑާ، އެމެރިކާ އަދި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ވަނީ އަންރާއަށް ދޭ އެހީ މެދުކަނޑާލާފަ އެވެ.