ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިއަށް އޮތް ދައުރަށް އިންތިހާބުކޮށްފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަން ހުވާކުރުން ހައިކޯޓުން ހުއްޓުވައިފި އެވެ.
ހައިކޯޓުން މިއަދު މި އަމުރު ނެރުނީ އިންތިހާބުގައި ފަތުހުﷲ އާއި ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދުގެ ފަރާތުން ކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާ ބެލުމަށްފަހު އެވެ.
މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އިރުޝާދުގެ މައްޗަށް ފަތުހުﷲ ކުރި ހޯދީ އެންމެ ވޯޓަކުންނެވެ.
ހައިކޯޓުން މިއަދު ވަނީ ލ. މާބައިދޫ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރެއްވުން ވެސް ހުއްޓުވަން އަމުރުކޮށްފަ އެވެ.
ހައިކޯޓުން މީގެކުރިން ވަނީ ގއ. ކޮނޑޭ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރުން ވެސް ހުއްޓުވާފަ އެވެ.
ހައިކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އިންތިހާބީ ޝަކުވާއާ މެދު ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން މަގާމުގެ ހުވާކޮށްފިނަމަ މައްސަލަ ހުށަހެޅި ފރާތުގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ.
ހައިކޯޓަށް ވަނީ އިތުރު ރަށްތަކެއްގެ އިންތިހާބީ ޝަކުވާތަކެއް ވެސް ހުށަހަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ ށ. ބިލަތްފަހި، ކ. ތުލުސްދޫ، ތ. ކަނޑޫދޫ އަދި ލ. މާބައިދޫއާ ގުޅޭ ޝަކުވާތަކެކެވެ.
އިންތިހާބީ ޝަކުވާތަކަށް ހައިކޯޓަށް ހުށަހެޅެނީ އެ ޝަކުވާއަކާ މެދު އިލެކްޝަންސް ކޮމިޝަނުން ލިޔުމުން ދޭ ޖަވާބަކާ މެދު ހިތްހަމަނުޖެހޭނަމަ އެވެ.
އިންތިހާބީ ބައެއް ޝަކުވާތަކާ މެދު ހައިކޯޓުން ވަކިގޮތެއް ނިންމާފައި ނުވާއިރު އަލަށް އިންތިހާބުވި ކައުންސިލަރުން މާދަމާ ހުވާކުރާނެ އެވެ.